ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތަށްފަހު އެކުލަވާލި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިން 48 ގަޑިއިރުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލިބިފައިވަނީ އެންމެ 361 ޝަކުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހަވީ 38763 ފޯމު ކަމަށާއި ސައްހަކަން ކަށަވަރު ނުވީ 11284 ފޯމު ކަމަށެވެ.
"ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކާ ގުޅޭގޮތުން، އީސީން 48 ގަޑިއިރު ގެ ޝަކުވާގެ މުއްދަތެއް ހުޅުވާލުމާ ގުޅިގެން، އިލެކްޝަންްސް ކޮމިޝަނަށް ވަނީ 361 ޝަކުވާ ލިބިފައި. މައިގަނޑު ގޮތެއްގައި މި ޝަކުވާގެ ތެރޭގައި ހިމެނެނީ ރިޖެކްޓް ކުރި ފޯމުތަކާ ގުޅޭ ޝަކުވާ" ހަބީބު ލިޔުއްވާފައިވެ އެވެ.
މީހުންނަށް އަށް ނޭނގި އެމީހުންގެ ނަމުގައި ސައްހަ ނޫން ފޯމު ހުށަހަޅައިގެން ލިބިފައިވަނީ ވަރަށް މަދު ޝަކުވާތަކެއް ކަމަށާއި އެ ޝަކުވާތަކަށް އީސީއިން ޖަވާބުދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ހޮނިހިރު ދުވަހު ބާއްވާއިރު އީސީއިން ބުނީ ވޯޓުލުމުގެ ފައިނަލް ލިސްޓު މިއަދު އާންމު ކުރެވޭނެ ކަމަށާއި ދެވަނަ ބުރުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282،803 މީހުން ކަމަށްވެސް އީސީއިން ބުނެފައިވެ އެވެ.

ދެވަނަ ބުރަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމާއެކު ކުޑަ މުއްދަތެއްގައި ގިނަ ބަޔަކު އެކަމަށް އެދުމުން އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ވެރިކަންކުރާ އެމްޑީޕީއިން ބުނީ ގިނަ ބަޔަކު ވޯޓުލުމަށް މަސައްކަތް ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.













