ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް އިތުރު 12 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓަރީ ކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު 12 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
އިތުރުކުރި ވޯޓު ފޮށިތައް:
- މާލޭރައްޔިތުންނަށް މާލޭގައި އިތުރު ތިން ވޯޓު ފޮށި
- މާލޭގައި ދިރުއުޅޭ ހއ، ލ، އަދި ށ އަތޮޅުގެ ރައްޔިތުންނަށް، ކޮންމެ އަތޮޅަކަށް އިތުރު ފޮއްޓެއް.
- ވިލިމާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް އިތުރު ފޮއްޓެއް
- ހުޅުމާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ހަތަރު ފޮށި
- އިންޑިއާ / ޓްރިވެންޑްރަމް ގައި އިތުރު ފޮއްޓެއް
މި ވޯޓު ފޮށިތަކުގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، އެ ވޯޓުފޮށި ބަހައްޓާ ރަށާއި ތަން އިލެކްޝަންސް ކޮމިޝަނުން ވަނީ ގެޒެޓުކޮށްފަ އެވެ. އިތުރު ކުރެވުނު މި 12 ފޮއްޓާއެކު ދެވަނަ ބުރުގައި ޖުމްލަ 586 ފޮށި ބަހައްޓާނެ އެވެ.
އެ ކޮމިޝަނުން ވަނީ ދެވަނަ ބުރުގައި ވޮޓުލުމުގެ ކަންތައްތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިއުލާނުކޮށްފަ އެވެ. އަދި އިތުރުކުރި 12 ވޯޓުފޮށީގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ކޮންމެ ވޯޓުފޮށްޓަކަށް ދެ މޮނީޓަރުން އައްޔަނު ކުރުމުގެ ފުރުސަތު މީޑިއާ ތަކަށް ވަނީ ދީފަ އެވެ.
ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި އިތުރުކުރި 12 ފޮއްޓާއެކު ދެވަނަ ބުރަށް ގާތްގަނޑަކަށް 300 އޮފިޝަލުން ބޭނުންވާނެ އެވެ.

އޮފިޝަލުންނަށް ވާން ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް ޝަރުތު ހަމަވާނަމަ 29 ސެޕްޓެންބަރު 2023 ވާ ހުކުރު ދުވަހުގެ 15:00 ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ.












