ފުރަތަމަ ބުރުގައި ވޯޓުލުމުގައި ދިމާވި ކަންކަމާއި ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށްފަހު ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިއުމުގައި ބަދަލުތަކެއް ގެނައުމަށް ނިންމާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބު ވިދާޅުވީ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔައިރު، ވޯޓު ކިއު މެނޭޖުކުރުމާއި ސައްހަ އަދި ބާތިލް ވޯޓު ކަނޑައެޅުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުރިކަން ފާހަގަވި ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް މި ތަމްރީނުގެ ތެރޭަގައި ވޯޓު ފުރަތަމަ ދުވަހު ނެގިއިރު ދިމާވި ކަންކަން، މިސާލަކަށް ކިއު މެނޭޖު ކުރުމުގައި ވޯޓުލާ މަރުކަޒުތަކުގެ ވެރިންނަށް ދިމާވި ކަންތައްތަކާއި އަދި ހާއްސަ ގޮތެއްގައި އަޅުގަނޑުމެން ފާހަގަކޮށްލަން ސައްހަ ވޯޓާއި ބާތިލު ވޯޓު ކަނޑައެޅުމުގައި ވޯޓުލާ މަރުކަޒުތަކުގެ ވެރިންނަށް އެބަހުރި ގޮންޖެހުންތަކެއް ދިމާވެފައި،" ހަބީބު ވިދާޅުވި އެވެ.
އެކަންކަން ހައްލު ކުރުމަށްޓަކައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާއިރު، 500 މީހުންނަށްވުރެ ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 99 މަރުކަޒެއް ދެ ސެޓަޕަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެެވެ.
"އޭގެ މާނައަކީ ދެ މޭޒަކުން ވޯޓު ކަރުދާސް ވެސް ދޫކުރާނެ، ފިންގާ (އިނގިލި) މާކު ކުރާނެ، ހަމަ އެގޮތަށް ދެ ކިއު އެއް އޮވެގެން އެގޮތަށް ކުރިއަށް ވުރެ ރަނގަޅަށް ވޯޓުލުމުގެ ކަންކަން އިންތިޒާމުވެގެން ދާނެ،" ހަބީބު ވިދާޅުވި އެވެ.

ހަމައެއާއެކު ގުރައުންޑު މެނޭޖަރުންގެ ދައުރު އިތުރަށް ފުޅާ ކުރުމަށް ކުރިން ހަރަކާތްތެރިވި މީހުންނަށް އިތުރު ތަމްރީނު ދިނުމާއެކު ކިއު މެނޭޖު ކުރުމާއި ވޯޓުލާން ދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު މުވައްޒަފުން ބޭތިއްބުމަށް ނިންމާފައިވާ އޭނާ ވިދާޅުވި އެވެ.
"ކިއުއަށް މީހުން ދިއުމުގައްޔާއި ވޯޓުލާ ފޮށި ހުރިތަން ދެއްކުމަށްޓަކައި މިފަހަރު ކުރީގެ ތަޖުރިބާއަށް ބަލައި ހަމަ އިތުރު މުވައްޒަފުން ތިބޭނެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އިންތިޒާމުތަކަށް އިތުރު ފަސޭހަތަކެއް އައިސްގެން ހަމަ ރައްޔިތުންނަށް އެ ދަސޭހަ ލިބިގެންދާނެ،" ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ ފުރަމަ ބުރުގައި ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު ދެވަނަ ބުރުގައި ވޯޓުލާ ބޫތުތަކަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިފަހަރު ވޯޓުލާ ބޫތުގެ ތަންކޮޅެއް އެތެރެއަށް ވަދެ ތިބެގެން ފާހަގަ ޖެހޭ ގޮތަށް ހުންނަ ޑިޒައިނަކަށް ބޫތުތައް ބަދަލުކޮށްފައި ވާކަމަށެވެ. އެ ބޫތުތަކުގައި ވޯޓު ކަރުދާސް ބާއްވަންޖެހޭ ތަން ވެސް ހުންނާނީ ކުރިއަށް ވުރެ ރަނގަޅުކޮށްފައި ކަމަށާއި ވޯޓުލާން ބޭނުން ކުރާ ގަލަމަކަށް ވެސް މިފަހަރު ބޭނުން ކުރާނީ ރަނގަޅަށް ދެލި ހިނގާ ގަލަންތަކެއް ކަމަށް ހަބީބު ވިދާޅުވި އެވެ.
އޭގެއިތުރުން އޭނާ ވިދާޅުވީ ކަން ހިނގި ގޮތުގެ ރިޕޯޓުންނާއި ފޮށީތަކާ ހަވާލުވެގެން ތިބި ވެރިންނާ އެކު ކުރިއަށް ގެންދެވުނު ބައްދަލުވުންތަކުގައި ސައްހަ ވޯޓާއި ބާތިލު ވޯޓު ވަކި ކުރުމުގައި ވަރަށް ބޮޑަށް މޮނިޓަރުންނާއި އޮބްޒާވަރުންގެ ފަރާތުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ވާކަން ފާހަގަވެފައިވާ ކަމަށެވެ.
"މޮނިޓަރުންނާއި އޮބްޒާވަރުން އެބޭފުޅުންގެ މައްޗަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިގެން ސައްހަ ވޯޓެއް ބާތިލު ވޯޓަކަށް ބަދަލު ކުރުން އަދި ބާތިލު ވޯޓެއް ސައްހަ ވޯޓަކަށް ބަދަލު ކުރުން، މިއީ ވަރަށް ނުރައްކާތެރި ކަމެއް،"
ހަބީބު ވިދާޅުވީ އެއީ އޮބްޒާވަރުންނަށާއި މޮނިޓަރުންނަށް ގާނޫނުން ލިބިދޭ ބާރެއް ނޫން ކަމަށާއި ވޯޓާ މެދު ޝަކުވާ ހުށަހެޅުމުގެ ބާރު ލިބިދީފައި ވާނީ ހަމައެކަނި ކެންޑިޑޭޓުންނަށާއި ކެންޑިޑޭޓުންގެ ފަރާތުން ފޮށިތަކާ ހަވާލުވެތިބޭ މަންދޫބުންނަށް ކަމަށެވެ.
އެހެންކަމުން އެފަދަ ކަންކަން ދެވަނަ ބުރުގައި ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެ ހަބީބު ވަނީ ވޯޓު ފޮށިތަކާ ހަވާލުވެ ތިބޭ ވެރިންގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވަން މަސައްކަތް ނުކުރުމަށާއި ހުރިހާ ފަރާތްތަކަކުން ވެސް އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމަށް ގޮވައިލައިފަ އެވެ.













