ސެޕްޓެމްބަރު 30، ގައި ބޭއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލާ މީހުންގެ ރީ-ރަޖިސްޓްރޭޝަން ފޯމުތައް ޕްރޮސެސްކޮށް ނިންމައި، މާދަމާ ޝަކުވާއަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަންތަނަށް ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމުން ހުށަހެޅި ފޯމުތައް ޕްރޮސެސްކުރުމުގެ މަސައްކަތް މިއަދު މެންދުރު ފަހުގައި ނިމޭނެ ކަމަށެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ.
އިލެކްޝަން ކޮމިޝަނުން ރީރަޖިސްޓްރޭޝަން ކުރުމަށް ހުޅުވާލީ މިމަހުގެ 15 އިން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި 47،714 މީހުން ވަނީ ދެ ވަނަ ބުރުގައި އެހެން ތަނެއްގައި ވޯޓު ލާން ފޯމު ހުށަހަޅާފަ އެވެ.
މިއީ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަކުރި މިންވަރަށް ވުރެ ގިނަ އަދަދެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 42،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓަވުމަށް ހުށަހެޅި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ.












