ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ, އަހްމަދު ނިމާލް، 36، ކުއްލި ގޮތަކަށް ރޭ އަވަހާރަވެއްޖެ އެވެ.
އޭނާ އަވަހާރަވިކަން އައިޖީއެމްއެޗް ހޮސްޕިޓަލުން މި ނޫހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ނިމާލު އަވަހާރަވީ ރޭ ދަންވަރު އެވެ. އޭނާގެ މެޔަށް ތަދެއް އަރައި، ހޮޑު ލެވުމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައީ ރޭ 12:00 ހާއިރު އެވެ.
ނިމާލުގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ނިމާލު އައްޔަނުކޮށްފައި ވަނީ މާޗު 2022 ގަ އެވެ. އަދި, އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓު 22, 2022 ގަ އެވެ. އެއަށްފަހު އިސް ފަނޑިޔާރުގެ މަގާމަށް އައްޔަންކޮށް ފަތްކޮޅު ހަވާލު ކުރީ މެއި 9، 2023 ގަ އެވެ.

ނިމާލް ބެޗެލާސް އޮފް ލޯ އިން ޝަރީއާ ހާސިލުކުރެއްވީ ވިލާ ކޮލެޖުންނެވެ. ފަރްހާން ޒަމީލް އެންޑް ނިމާލް ލޯފާމްގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އޭނާ އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި އެވެ.
ނިމާލް އަވަހާރަވިއިރު، އަންބަކާއި ކުޑަ ދަރިފުޅެއް އެބަ ހުއްޓެވެ.











