މާލޭގެ ގެއެއްގައި ގެންގުޅޭ ގިނިކާމާދޫންޏެއްގެ ފޮޓޯ މިދިޔަ މެއި މަހު މީސްމީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އެ ލިސްޓުގައި ކަމާގުޅޭ ވުޒާރާތަކުގެ އިތުރުން ނޫސްވެރިން ވެސް ހިމެނުނެވެ.
އެކަމާ ގުޅިގެން ވުޒާރާތަކުން ނެރުނު ބަޔާންތަކާއެކު ނޫސްވެރިންގެ ކެމެރާތަކާއި ގަލަންތައް އެ މައުލޫގައި ހިންގާލި އެވެ. އެއާއެކު އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ލޯބި އެ ގިނިކާމާދޫނި، "އޮޒީ" އަށް ލިބިގެންދިޔަ އެވެ. ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އާބަންކޯގެ ނާސަރީއަށް، އޭގެ ފަހުން މިދިޔަ ހަފުތާގެ ނިޔަލަށް ވެސް ކޮންމެ ދުވަހަކުހެން އެތައް ބަޔަކު އޮޒީ ބަލައިލުމަށް ޒިޔާރަތް ކުރަމުންދިޔަ އެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހަކީ އެ ހުރިހާ ލޯތަކެއް ކަރުނުން ތެންމައިލި ދުވަހެކެވެ. ހިތެއް ނެތް ބައެއްގެ ރަހުމުކުޑަ އަނިޔާއެއްގެ ޝިކާރައަކަށް އެއްވެސް ކުށެއް ނެތް އޮޒީ ހަދާލީ އެވެ. އުމުރުން އެންމެ އެއް އަހަރާއި ދެ މަހުގެ އޮޒީގެ ފަޔަށް ބަޔަކު ދިން އަނިޔާގައި އެސޮރު ދެން ގަދަ ނުވާނޭ ވަރަށް ބަލިކޮށްލީ އެވެ.
ދުނިޔެއަށް އުފަންވިތާ އެންމެ 72 ގަޑިއިރުން ފެށިގެން އިންތިހާ ލޯބި ދީގެން އޮޒީ ގެންގުޅެމުންދިޔައީ އާބަންކޯގެ މުވައްޒަފެއް ކަމުގައިވާ މޫސާ އަބޫބަކުރު އެވެ. ފުރަތަމަ އެސޮރު ގެންގުޅުނީ އޮޒީއަށް ތަންކޮޅެއް ހާއްސަކޮށްގެން މާލޭގަ އެވެ. ނަމަވެސް ގިނިކާމާދޫންޏަކީ ދޫނިސޫފާސޫފީގެ ތެރެއިން އެންމެ ބޮޑުވާ ދޫންޏަށް ވާތީ އޮޒީ ވެސް އިސްކޮޅުން ދެމިލާކަށް މާގިނަ ދުވަހެއް ނުނެގި އެވެ. މިއަހަރުގެ މެއި މަހު އާބަންކޯ ނާސަރީއަށް އޮޒީ ބަދަލު ކުރީ އެހެންވެ އެވެ.
އޮޒީ ހުޅުމާލެއަށް ބަދަލު ކުރުމަށްފަހު ގެންގުޅުނީ އާބަންކޯގެ އެތައް މުވައްޒަފުންނެއްގެ ލޯތްބާ އެކު އެވެ. އެމީހުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކާންބޯން ދީގެންނެވެ. އިސްކޮޅުގައި ފަސް ފޫޓު ހުރި އޮޒީއަށް ބަޔަކު ހަމަލާ ދިނީ ނާސަރީގައި އިންދާ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އެއީ ކޮންބަޔަކު ކޮން ބޭނުމަކީ ދިން އަނިޔާއެއް ކަމެއް މިއަދާ ހަމައަށް ވެސް އަދި ނޭނގެ އެވެ.

"އޭގެ ކުރީ ރޭ 11:00 ހާއިރު ވެސް އޮޒީ ހަމަ ރަނގަޅު، އެދުވަހު [ބުރާސްފަތު ދުވަހު] ހެނދުނު ކާންދޭން ގޮސް ވަނތް އިރު، އޮޒީ އޮތީ ބަނޑުޖަހައިގެން، އޭރު އޭގެ ފައިން ލޭ ފައިބާ،" އޮޒީ ބެލެހެއްޓުމުގައި ބައިވެރިވާ އިސްމާއިލް ޝާހު ކިޔައިދިނެވެ.
އޭނާ ބުނީ އޮޒީގެ ކަނާތު ފަޔަށް ހަމަލާ ދީފައި ހުރީ ތޫނު އެއްޗަކުން ކަމަށް ބެލެވޭ ކަމަށާއި އެއީ ބަޔަކު ގަސްތުގައި ކޮށްފައި ހުރި ކަމެއް ކަމަށެވެ. ނަމަވެސް އެކަން ކުރީ ކޮން ބައެއްކަން ބުނަން ނޭނގޭ ކަމަށް ޝާހު ބުންޏެވެ.
ގިނިކާމާދޫންޏަކީ ދެފައި ހުންނަ ޖަނަވާރުގެ ތެރެއިން އެންމެ ބާރަށް ދުވާ ޖަނަވާރެވެ. ގަޑިއަކު 70 ކިލޯމީޓަރު ބާރުމިނުގައި އޭތި ދުވެ އެވެ. ގިނިކާމާދޫނީގެ ފައިގައި ހުންނަނީ ދެ އިނގިއްޔެވެ. އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ކުޅިވަރެއްގެ ގޮތުގައި ގިނިކާމާދޫންޏަށް ސަވާރުވެގެން މީހުން ރޭސް ވެސް ޖަހައި އުޅެ އެވެ. އޮޒީގެ ފަޔަށް ދީފައި ވަނީ ސީރިއަސް އަނިޔާއެއްކަމަށް ބެލެވެނީ އެހެންވެ އެވެ. ގިނިކާމާދޫނީގެ އެންމެ ވަރުގަދަ ގުނަވަނަކީ އެސޮރުގެ ދެފަ އެވެ.
ޝާހު ބުނި ގޮތުގައި ބުރާސްފަތި ދުވަހުގެ އިރު މެދުޖެހުނުއިރު ވެސް އޮޒީގެ ފައިން އަންނަމުންދިޔަ ލޭ މަނާ ނުވި އެވެ. ފަރުވާ ދިނުމަށް ވެޓެރޭނިއަންއަކަށް އޮޒީ ދެއްކުނީ އެދުވަހު މެންދުރު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ވެޓެރޭނިއަންގެ ފަރާތުން އެމީހުންނަށް ލިބުނީ އުއްމީދު ކުރި ވަރަށްވުރެ ހިތާމަވެރި ހަބަރެކެވެ.
"އޯސެސް ކުލިނިކުގެ ޑޮކްޓަރުންނާއި ނަރުހުން ގެންގޮސްގެން ބެލީ، އެމީހުން ބުނީ ރިކަވާއެއް ނުކުރެވޭނެޔޭ، އިންޖެކްޝަނެއް ދީގެން މަރާލެވިދާނެޔޭ، އެކަމަކު އެގޮތް އަހަރުމެން ބޭނުމެއް ނުވި،" ޝާހު ކިޔައިދިނެވެ.

އޮޒީގެ ފަޔަށް ހަމަލާ ދިނުމުގެ ސަބަބުން ނުތެދުވެވިފައި -- ފޮޓޯ: އިސްމާއިލް ޝާހު
އެ ވޭނުގައި އޮޒީ ގެންގުޅުމަށްވުރެ މަރާލުން ރަނގަޅުވާނެ ކަމަށް ވެޓު ބުނި ބުނުމާ އެވަގުތު ދެކޮޅު ހެދީ އޮޒީއަށް އެމީހުންގެ ހިތުގައި ދެވިފައިވާ މަގާމުގެ ސަބަބުންނެވެ. ނަމަވެސް އެއީ ރަނގަޅު ނިންމުމެއް ކަމަށް އެމީހުންނަށް ފަހުން ގަބޫލު ކުރެވުނީ އޮޒީ ތަހައްމަލު ކުރަމުންދިޔަ ވޭން ބަލަން އެމީހުންނަށް ކުޅަދާނަ ނުވީމަ އެވެ.
"އެކަމަކު ފަހުން ގަބޫލުކުރެވުނީ އެ ވޭނުގައި އޮޒީ އޮތުމަށްވުރެ އޭތި ކަތިލުން ރަނގަޅުވާނެ ކަމަށް، އެހެންވެ ކަތިލީ އެގޮތަށް ޑޮކްޓަރު ވެސް އިރުޝާދު ދީފައި އޮތީމާ،" ޝާހު ކިޔައިދިނެވެ.
އޮޒީގެ ވަކިވުމާއެކު ދިރޭއެއްޗެއްސަށް ލޯބި ކުރާ އެތައް ބަޔަކު އޮޒީއަށް ދިން އަނިޔާއާ ދެކޮޅަށް ވާހަކަ ދައްކާފައިވެ އެވެ. އެކަމަކު އެ މައްސަލަ ފުލުހުންނަށް މިހައިތަނަށް ހުށަހަޅާފައި ނުވާތީ އެކަމުގައި ތަހުގީގެއް ހިންގާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުންގެ ފަރާތުން ސާފުކޮށްދީފައެއް ނުވެ އެވެ.
މިއީ ހުޅުމާލޭގައި މިފަދަ ކަމެއް ހިނގި ފުރަތަަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރިން ހުޅުމާލޭގައި ހުރި ގެރި ކޮށްޓަށް ވެސް ބަޔަކު ވަދެ އެތަނުގައި އޮތް ގެރިއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވެ އެވެ.
އޮޒީއަށް ލިބުނު އަނިޔާއަށް ގިނަ ބައެއްގެ ކަންބޮޑުވުން އަމާޒުވެފައިވާއިރު، ދިރޭ އެއްޗެއްސަށް އޯގާތެރިވުމާއި ކަމޭހިތުމަކީ އިސްލާމް ދީނުގައި ވެސް ބާރުއަޅާފައިވާ ކަމެކެވެ.
ޝާހު ބުނީ އޮޒީގެ ވަކިވުމަށްފަހު އިތުރު ގިނިކާމާދޫނިތަކެއް ގެނައުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ދޫނިތައް ރާއްޖެ ގެނެވުމުން ކުރިއަށްވުރެ ރައްކާތެރިކޮށް އެ ދޫނިތައް ބެލެެހެއްޓުމުގެ ކަންކަން ކުރާނެ ކަމަށް އޭނާ ބުންޏެވެ.












