ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ތެރެއިން ބިދޭސީ އޮބްޒާވަރަކަށް ފުރައްސާރަކުރުމުގެ މައްސަލައިގައި މަންދޫބަކާއި އޮބްޒާވަރަކު ސަސްޕެންޑުކުރީ ދެން އަންނަ ރިޔާސީ އިންތިހާބާއި ހަމައަށް، އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީން އެގޮތަށް ނިންމުމުން އެ ސަސްޕެންޝަނުގެ މުއްދަތު ފަސް އަހަރަށް ދެމިގެންދާނެ އެވެ. އެެއީ ދެން ރިޔާސީ އިންތިހާބެއް އޮންނާނީ ފަސް އަހަރު ފަހުން ކަމަށް ވާތީ އެވެ.
އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބް "އަދަދު"އަށް ވިދާޅުވީ، ސަސްޕެންޑުކޮށްފައިވާ މަންދޫބާއި އޮބްޒާވަރަށް ދެން އަންނަ ރިޔާސީ އިންތިހާބާއި ހަަމައަށް އެއްވެސް އިންތިހާބެއްގެ އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް، އަދި އިލެކްޝަން އޮފިޝަލެއްގެ ގޮތުގައިވެސް ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ.
"އެ ބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ ދެން އަންނަ ރިޔާސީ އިންތިހާބަކާ ހަމައަށް. އެހެންވީމަ ކުރިއަށް އޮތް މަޖިލީސް އަދި ލޯކަލް ކައުންސިލް އިންތިހާބުގަ ވެސް އެ ބޭފުޅުންނަށް ހަރަކާތްތެރިއެއް ނުވެވޭނެ،" ހަބީބް ފާހަގަކުރެއްވި އެވެ.
މަންދޫބާއި އޮބްޒާވަރު ސަސްޕެންޑުކުރަން އީސީން ނިންމީ، އެ ކޮމިޝަނުން ދައުވަތު އަރުވައިގެން ވަޑައިގެންނެވި ބައެއް އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ފުރައްސާރަކޮށް، ސުލޫކީ މިންގަނޑާ ހިލާފު ވެފައިވާތީ އެވެ.

ހަބީބު ވިދާޅުވި ގޮތުގައި އޭރު ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަމުން ދިޔައީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ދެ ކޮމިޝަނަރެކެވެ.
އިންޑިއާގެ އޮބްޒާވަރާ ދިމާކޮށް، ވޯޓްލާ މަރުކަޒުން އޭނާ ނުކުންނަން ޖެހޭނެ ކަމަށް ބުނެ ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ވޯޓުުލުން ކުރިއަށްދިޔަ ވަގުތު އިންޑިއާގެ ދެ އޮބްޒާވަރަކު ވޯޓު ފޮށްޓަކާ މާ ކައިރީގައި ހުރި ކަމަށް ބުނެ ދިވެހި މޮނިޓަރުންތަކެއް ޝަކުވާކޮށް ހަޅޭއްލަވާ ހަދަ އެވެ. އޮބްޒާވަރުންނަށް އިންޒާރުދިނުމުގައި އިސްކޮށް އުޅުނީ މޮނިޓަރުންގެ ފާސް އަޅައިގެން ތިބި ބައެކެވެ.
ސެޕްޓެމްބަރު 9، ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 101،635 ވޯޓު ހޯއްދެވިއިރު އެއީ ވޯޓުލީ މީހުންގެ 46.06 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39.05 ޕަސެންޓެވެ.
އެހެންކަމުން ދެ ވަނަ ބުރުގައި ވާދަކުރައްވަނީ މާލޭގެ މޭޔަރަކަށް މިހާރު ހުންނެވި މުއިއްޒާއި ރައީސް ސޯލިހެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.












