ހުޅުމާލޭގައި ދުވަން ނުކުމެ އުޅުނު ފިރިހެނަކު މަގުމަތީގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ އުމުރުން 68 އަހަރުގެ ސިންގަޕޫރު މީހެކެވެ. ފުލުހުންނަށް އެ ރިޕޯޓު ލިބުނީ ހެނދުނު 8:00 ހާއިރެވެ.
"އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި ދުވަން ނުކުމެ އުޅުނު ކަމަށް ބެލެވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
އެ މީހާ ވެއްޓިފައި އޮތީ ހުޅުމާލޭ އުނިގަސްމަގުގައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.














