ވޯޓު ދިނުމުގެ ހައްގު ފުރިހަމައަށް އަދާކުރުމަކީ ޑިމޮކްރަސީގައި ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު އިލްތިމާސް ކުރައްވައިފި އެވެ.
މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ނެރުއްވި ވީޑިއޯ މެސެޖުގައި ހަބީބު ވިދާޅުވީ އާ ގާނޫނުއަސާސީން ރައްޔިތުންގެ ބާރު ކަށަވަރުކޮށްދީ، ދައުލަތް ހިންގުމުގެ ބާރުތައް ވަކިކޮށްދީފައިވާ ކަމަށެވެ. އެ ބާރުތަކުގެ ތެރެއިން ސަރުކާރު ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކުރެވިގެން ހޮވޭ ދެ ބާރު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"އެހެންވީމަ ޑިމޮކްރަސީ ދުވަހެއްގައި އިންތިހާބުގެ ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
"އިންތިހާބުތަކުގައި ބައިވެރިވުމާއި ވޯޓު ދިނުމަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު އަސާސެއްގެ ގޮތުން ހުރިހާ ރައްޔިތުން ވެސް އެ ރައްޔިތުންނަށް ލިބިފައިވާ ވޯޓު ދިނުމުގެ ހައްގު ފުރިހަމައަށް އަދާކުރުމަކީ ޑިމޮކްރަސީގައި ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއް."
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރު 30 ގައި ބާއްވާއިރު، އެ ވޯޓަކީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކީގައި އެއްވެސް ޖެހިލުމެއް ނެތި، އެއްވެސް ބިރެއް ނެތި، އެއްވެސް ނުފޫޒެއް ނެތި ލާ ވޯޓަކަށް ހެދުމަށް ވެސް ހަބީބު އިލްތިމާސް ކުރެއްވި އެވެ.

ވޯޓު ލުމުގެ ހައްގު ފުރިހަމައަށް ބޭނުން ކުރަން އިލްތިމާސް މި ކުރެއްވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު، ކުރީގެ އިންތިހާބުތަކަށް ވުރެ ދަށްވެފައި ވަނިކޮށެވެ.
ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 282,395 މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ 80 ޕަސެންޓު މީހުންނެވެ.












