ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމުލަ 282،803 މީހުންނަށް ވޯޓު ލެވޭނެ ކަމަށާއި، އޭގެ ތެރޭގައި އަލަށް ވޯޓު ލެވޭ 408 ޒުވާނުން ހިިމެނޭކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ސެޕްޓެމްބަރު 30، އަށް 18 އަހަރު ފުރޭ މީހުން އިތުރުކުރެވިފައިވާ ކަމަށެވެ.
އެގޮތުން ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 408 ޒުވާނުން އިތުރުވެއްޖެ ކަމުގައި ހަބީބް ވިދާޅުވި އެވެ. އެއީ 196 އަންހެނުންނާއި، 212 ފިރިހެނުންނެވެ. އީސީން ވަނީ އިތުރުވި ޒުވާނުންގެ ލިސްޓު މިއަދު އާންމުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ.
ސެޕްޓެމްބަރު 9، ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބުނީ 282،395 މީހުންނަށެވެ. ދެވަނަ ބުރުގައި 282،803 މީހުންނަށް ވޯޓު ލެވޭނެ އެވެ.
ދެވަނަ ވަނަ ބުރަށް ރީރަޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް ސެޕްޓެމްބަރު 15، 16 އަދި 17 ގައި ރީރަޖިސްޓާ ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް އީސީން މައުލޫމާތުދެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 101،635 ވޯޓު ހޯއްދެވިއިރު އެއީ ވޯޓުލީ މީހުންގެ 46.06 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39.05 ޕަސެންޓެވެ.
އެހެންކަމުން ދެ ވަނަ ބުރުގައި ވާދަކުރައްވަނީ މާލޭގެ މޭޔަރަކަށް މިހާރު ހުންނެވި މުއިއްޒާއި ރައީސް ސޯލިހެވެ.












