ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި، މޮނިޓާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި، ކެންޑިޑޭޓުންގެ ފަރާތުން ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
އަދި މި ފުރުސަތު ހުޅުވާލެވިފައި އޮންނާނީ ސެޕްޓެމްބަރު 17, ވާ އާދީއްތަ ދުވަހުގެ 15:00 އާ ހަމަޔަށް ކަމަށް ހަބީބު ވިދާޅުވި އެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި, އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުމެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ އިތުރު ޝަރުތުތައް:

- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓީއެއްގައި ހިމެނޭ މީހަކަށް ނުވުން
- އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށް ވުން
- އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި, އަމަލުކުރަން އިގުރާރުވާ މީހަކަށް ވުން
- ވޭތުވެދިޔަ ފަސް އަހަރު ތެރެ, ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވުން
މޮނިޓަރުންނަށް ވެވެނީ ރާއްޖޭގައި މަސައްކަތްކުރާ ނޫސް އަދި މަޖައްލާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަގުވާމީ މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން 100،581 ވޯޓު އޭނާ ހޯއްދެވިއިރު އެއީ ވޯޓުލީ މީހުންގެ 45.1 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،164 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.2 ޕަސެންޓެވެ.
އެހެންކަމުން ދެ ވަނަ ބުރުގައި ވާދަކުރައްވަނީ މާލޭގެ މޭޔަރަކަށް މިހާރު ހުންނެވި މުއިއްޒާއި ރައީސް ސޯލިހެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 30 ގަ އެވެ.












