ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނަ ސެޕްޓެމްބަރު 30، އަށް 18 އަހަރު ފުރޭ ޒުވާނުންނަށް ވެސް، އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 30، އަށް 18 އަހަރު ފުރޭ ފަރާތްތަކުގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހޯދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އީސީން އެ މައުލޫމާތު އާންމު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީ ކުރަން ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ. އެގޮތުން ދެވަނަ ބުރުގެ ރީރެޖިސްޓްރޭޝަނަށް ވެސް ބޭނުންކުރާނީ ފުރަތަމަ ބުރުގައި ވެސް ބޭނުންކުރި ފޯމު ކަމަށް ހަބީބް ކުރެއްވި ޓްވީޓުގައި ވަނީ ބުނެފަ އެވެ.
ފޯމު ފުރައިގެން އަދި އޮންލައިންކޮށް ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓާ ވެވޭނެ އެވެ. ދެވަނަ ބުރަށް ރީރަޖިސްޓާވުމަށް ސެޕްޓެމްބަރު 15، 16، އަދި 17 ވަނަ ދުވަހު ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 101،581 ވޯޓު ހޯއްދެވިއިރު އެއީ ވޯޓުލީ މީހުންގެ 45.1 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،164 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.2 ޕަސެންޓެވެ.

އެހެންކަމުން ދެ ވަނަ ބުރުގައި ވާދަކުރައްވަނީ މާލޭގެ މޭޔަރަކަށް މިހާރު ހުންނެވި މުއިއްޒާއި ރައީސް ސޯލިހެވެ.













