ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިއްޔެ ޖުމުލަ 51 މައްސަލައެއް ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މާލޭގައި ގާއިމުކޮށްފައިވާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް 26 މައްސަލަ އަދި ސިޓީ، އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 25 މައްސަލަ ހުށަހެޅި ކަމަށެވެ.
އެ މައްސަލަތަކުގެ ތެރޭގައި ކެމްޕޭން ކުރުމާގުޅޭ ތިން މައްސަލަ، އޮބްޒާވަރުންނާ ގުޅޭ މައްސަލައަކާއި، ވޯޓުލުމުގެ ހައްގާގުޅޭ 10 މައްސަލަ، ރަޖިސްޓްރޭޝަނާ ގުޅޭ އަށް މައްސަލަ، އޮފިޝަލުންނާގުޅޭ 11 މައްސަލަ، ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލަ، ރިޝްވަތު ދިނުމާ ގުޅޭ 2 މައްސަލަ އަދި އެހެނިހެން 2 މައްސަލަ ހިމެނޭ ކަމަށް ހަބީބު ވިދާޅުވި އެވެ.
"މީގެ ތެރެއިން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ވަނީ ހައްލުކޮށްދެވިފައި. ތަހުގީގު ކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ،" ހަބީބު ވިދާޅުވި އެވެ.
އަށް ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބު އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުކުރެއްވުނެވެ. އެހެންވެ މި މަހުގެ 30 ގައި ބާއްވާ ދެ ވަނަ ބުރަށް ދިޔައީ ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރުގައި 50 ޕަސެންޓާއި އެއް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ނުހޯއްދެވުނު ނަމަވެސް، ރައީސް ސޯލިހުގެ މައްޗަށް މުއިއްޒު ވަނީ ކުރި ހޯއްދަވައިފަ އެވެ. ވޯޓުގައި ބައިވެރިވި 45 ޕަސެންޓު މީހުންގެ ވޯޓު މުއިއްޒަށް ލިބިވަޑައިގެންނެވިއިރު، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 38 ޕަސެންޓު ވޯޓެވެ. ނަތީޖާތަކުން ދައްކާ ގޮތުގައި ވޯޓުގައި ބައިވެރިވެފައިވަނީ 223،000 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ 79 ޕަސެންޓު މީހުންނެވެ.
މި އިންތިހާބަކީ މީހުން ވޯޓުލާން އެންމެ މަދުން ނުކުތް އިންތިހާބެވެ.











