މިއަދު ބޭއްވި ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ދިޔަ ނަމަވެސް މުޅި ރާއްޖޭގެ އަގުލަބިއްޔަތު ހޯދައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބޮޑު ކާމިޔާބެއް ހޯއްދަވައިފި އެވެ.
މިއަދުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު މުއިއްޒު ވަނީ 97،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އެއީ ޖުމްލަ ވޯޓުގެ 45 ޕަސެންޓަށްވުރެ މައްޗެވެ.
މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 83،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ގާތްގަނޑަކަށް 39 ޕަސެންޓެވެ.
ދެ ކެންޑިޑޭޓުންގެ ދެމެދުގައި 13،000 ވޯޓުގެ ތަފާތު އޮތްއިރު، ރައީސް ސޯލިހުގެ އުފަން ޅ. އަތޮޅާއި ރަނިން މޭޓުގެ އުފަން އައްޑު ސިޓީ އާއި އއ. އަތޮޅު ފިޔަވައި ހުރިހާ ހިސާބަކުން ވެސް ކުރި ހޯދީ ޑރ. މުއިއްޒެވެ. އޭގެ ތެރޭގައި، ކުޅުދުއްފުށި ސިޓީ އަދި މާލެ ސިޓީ ވެސް ހިމެނެ އެވެ.
ރާއްޖޭގެ އެއްވެސް ހިސާބެއް މައި ދެ ޕާޓީ ފިޔަވައި އެހެން އިތުރު ކެންޑިޑޭޓަކަށް ނުލިބުނެވެ. މީގެ ކުރިން 2013 ވަނަ އަހަރު އަދި 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުތަކުގައި މައި ދެ ކެންޑިޑޭޓުން ފިޔަވައި ވާދަ ކުރެއްވި ކެންޑިޑޭޓުން ވެސް ވޯޓުގެ ބޮޑު ބައެއް ހޯއްދެވި ނަމަވެސް މިފަހަރު ކަންތައްވީ އެހެނެއް ނޫނެވެ.

އެގޮތުން، 2008 ވަނަ އަހަރު ވާދަ ކުރެއްވިއިރު ގާސިމް އިބްރާހިމް އާއި ޑރ. ހަސަން ސައީދު ހިމެނޭ ގޮތަށް ކުދި ޕާޓީ ނުވަތަ ކެންޑިޑޭޓުން 31 ޕަސެންޓު ހޯއްދެވި އެވެ. އަދި 2013 ވަނަ އަހަރުގެ އިންތިހާބުގައި ތިން ވަނަ އަށް ވަޑައިގެންނެވި ކެންޑިޑޭޓް ގާސިމް އިބްރާހިމް 23 ޕަސެންޓު ހޯއްދެވި އެވެ.
އެކަމަކު، މިފަހަރު ޖުމްލަ އަށް ރިޔާސީ ކެންޑިޑޭޓުން ވާދަ ކުރެއްވިއިރު ވެސް ތިން ވަނައަށް ވަޑައިގެންނެވި ކެންޑިޑޭޓް ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ހަ ޕަސެންޓުވަރު ވޯޓެވެ. ގާސިމް އިބްރާހިމް އާއި އުމަރު ނަސީރަށް ތިން ޕަސެންޓުވަރު ލިބުނުއިރު، ދެން ތިއްބެވި ކެންޑިޑޭޓުންނަށް ލިބުނީ އެއް ޕަސެންޓުވަރު ނުވަތަ އެއަށްވުރެ ވެސް މަދުންނެވެ.














