މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލާ އެއްވެސް މަރުކަޒެއްގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައި ނުވާ ކަމަަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުން 4:00 ގައި ނިމުނަސް، 4:00 ޖެހުމުގެ ކުރިން ކިއުއަށް އެރި މީހުންނަށް ވޯޓުުލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ 4:00 ގެ ފަހުން ކިޔޫ އަށް ނޭރޭނެ ކަމަށާއި ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ނުކުރާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބު 2023ގެ ވޯޓުލުން ހަވީރު 4:00 ގައި ނިމޭނެ. 4 ގެ ކުރިން ކިއޫގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ. 4 ގެ ފަހުން ކިޔޫ އަށް ނޭރޭނެ. ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ނުކުރާނެ،" ގަޑި ޖެހުމުގެ ކުރިން ކުރެއްވި ޓްވީޓެއްގައި ހަބީބު ވިދާޅުވި އެވެ.
މި ރިޔާސީ އިންތިހާބުގައި ޖުމްލަ 574 ވޯޓުފޮށި އިލެކްޝަންސް ކޮމިޝަނުން ބެހެއްޓި އެވެ. އެއީ މާލެ ސަރަހައްދުގައި ބެހެއްޓި 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓި 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި ބެހެއްޓި 65 ފޮއްޓާއި ރާއްޖެއިން ބޭރުގައި ބެހެއްޓި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ބެހެއްޓި ހަ ފޮއްޓެވެ.












