މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލާ ބޫތުތައް ބަހައްޓާފައިހުރި ގޮތާމެދު ޝަކުވާތައް ލިބެމުންދާ ކަމަށާއި އެހެން ނަމަވެސް ބޫތު ބަހައްޓާ ގޮތައް ބަދަލެއް ގެންނަ ނަމަ ގެންނާނީ ދެން ބާއްވާ އިންތިހާބެއްގައި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް މި އިންތިހާބުގައި ބޫތު ބަހައްޓާފައިވަނީ ވޯޓުލާ މީހާގެ ހަރަކާތްތައް އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފެންނަ ގޮތަށެވެ.
އިންތިހާބާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެކަމާ ގުޅިގެން ވޯޓު ސިއްރު ވުމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި ނަމަވެސް އެގޮތައް ބޫތު ބަހައްޓަން ނިންމީ އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ކޮމިޓީގެ މެމްބަރުން އެގޮތަށް ނިންމީ، ވޯޓު ކަރުދާސް ފޮޓޯ ނެގުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
"އިރުއިރުކޮޅާ ބޫތު ބަހައްޓާގޮތުގެ އިރުޝާދު ބަދަލުވެ މީހުންނަށް އޮޅޭ ހިސާބަށް ދިޔައިމަ ހަގީގަތުގަ ތަންކޮޅެއް އުނދަގޫ ވާނެ. ދެން އެކަމަކު މި ނޫން ގޮތަކަށް މިކަން އެންމެ ރަނގަޅަށް ކުރެވޭނީ ކޮމިޝަނުން ބަލާފަ އެޔާމެދު ގޮތެއް ނިންމާނެ" ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ ވޯޓުލާގޮތް ފެންނަ ގޮތަށް ފޮޓޯ ނެގުމަށްފަހު ބޫތުތައް ހުންނަ ގޮތުން ވޯޓުލާތަން ފެންނަ ކަމަށް ނޫސްވެރިއަކު ބުނި ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. ހަބީބު ފާހަގަކުރެއްވީ އެގޮތަށް ފޮޓޯ ނެގުމަކީ ޖިނާއީ ކުށެއް ކަމެވެ.

ހަބީބު ވިދާޅުވިގޮތުގައި ބައެއް ރަށްރަށުގައި ހިނގާފައިވާ ކުދިކުދި ހާދިސާތައް ފިޔަވައި މިއަދު މުޅި ރާއްޖޭގައި ވެސް ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ އަމާންކޮށެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހަކަށެވެ. ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.













