ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އިދާރީ އޮޅުމެއްގެ ސަބަބުން ދިރިހުރި މީހަކު މަރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައެޅިފައި އޮތުމުން އެ މީހާއަށް ވޯޓުލުމުގެ ހައްގު ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސްއިން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ދިރިހުރި މީހަކު މަރުވެފައި އޮތް ކަމަށް ކަނޑައަޅާފައިވުމުން އެ މީހާއަށް ވޯޓުލުމުގެ ހައްގު ނުލިބިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ، އެ ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ހޯދާއިރު މަސްދަރެއްގެ ގޮތުގައި ބަލަނީ ޑީއެންއާރްގެ ރަޖިސްޓްރީ ކަމަށެވެ. މަރުވެފައިވާ މީހުންގެ މަރު ރަޖިސްޓްރީ ކުރަނީ ވެސް އެ ޑިޕާޓްމެންޓުންނެވެ.
ވޯޓު ލުމުގެ ހައްގު ލިބިގެންވާ އެންމެން އެ ލިސްޓުން ބަލާއިރު، އެ ލިސްޓުގައި ނަން ނެތް ނަމަ ވޯޓުލުމުގެ ފުރުސަތު ނުލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އޭގައި މަރުވެފައި އިން މީހަކު އޮތަސް، އަދި ދިރިހުރި މީހުން ތިއްބަސް، އެ ލިސްޓު ލިސްޓެއްގެ ގޮތުގައި ބަލަނީ. އެއީ މަސްދަރަކީ. އެހެންވީމަ އެ ލިސްޓުގައި ނެތް މީހަކަށް ވޯޓު ލެވޭނެ ގޮތެއް ނެތް،" ހަބީބް ވިދާޅުވި އެވެ.

ދިރިހުރި މީހަކު މަރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައެޅުމުން އެ މީހާއަށް ވޯޓުލުމުގެ ހައްގު ގެއްލިފައިވުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ހަބީބް ވިދާޅުވި އެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ރަނގަޅު ކުރުމަށް އީސީއަށް ކުރެވުނު ކަމެއް ކުރާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.
އެހެންނަމަވެސް، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ވެސް ހުޅުވާލިކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، އެފަދަ ކަންކަމުގައި ފަރުދީ ޒިންމާ ވެސް އޮންނަން ޖެހޭނެ ކަމަށެވެ.
ފެބްރުއަރީ މަހުން ފެށިގެން ލިސްޓު އާންމު ކުރަމުންދިޔަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވާ މީހާ ވެސް ލިސްޓަށް ޝަކުވާ ހުށަހަޅަން އޮތް މުއްދަތުގައި ޝަކުވާ ހުށަހެޅި ނަމަ އެ މައްސަލަ ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.












