ވޯޓްލާން ރަޖިސްޓްރީ ވެފައިވާ މަރުކަޒުގައި އޮތް ލިސްޓްގައި މީހެއްގެ ނަން ނެތް މައްސަލަ މި އިންތިހާބުގައި ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓާސް ލިސްޓްގައި ނަން ނެތިގެން މިހާތަނަށް ދެ ޝަކުވާއެއް އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށްް ދިމާވީ މީހުންނަށް އެރި އޮޅުމަކުން، އެމީހުން ވޯޓްލާން ދާން ޖެހޭ މަރުކަޒު ނޫން އެހެން ތަންތަނަށް ގޮސްގެން ކަމަށެވެ. އެނޫން ގޮތަކަށް ލިސްޓްގައި ނަން ނެތުމުގެ މައްސަލަ ދިމާ ނުވާނެ ކަމަށް އޭނާ ޔަގީން ކަމާ އެކު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް 1000 ޕަސެންޓް ޔަގީންކަން ދެވިދާނެ، ރަޖިސްޓްރީ ކުރި ފޮށީގައި އޮތް ލިސްޓްގައި ނަން ނޯވެ އެއް ނުދާނެ،" ހަސަން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުން ރާއްޖޭގައި ހުރި ހުރިހާ މަރުކަޒުތަކެއްގައި ވެސް ފަށާފައިވާއިރު މިހާތަނަށް ކުރިއަށް ދަނީ މާބޮޑު މައްސަލައެއް ކުރިމަތިނުވެ އެވެ. އެހެން ނަމަވެސް ރަޖިސްޓްރީވި ފޮށްޓަށް ވޯޓްލާން ދިޔަ އިރު ނަން ނެތުމުން ވޯޓު ނުލެވުނު މައްސަލަ ދިމާވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަޑު ފެތުރި އެވެ.
މިއަދުގެ އިންތިހާބުގައި ޖުމްލަ އަށް ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު، ފާރިސް މައުމޫނު އަދި ހަސަން ޒަމީލެވެ.














