ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރަން ޗާޕުކުރީ ޖުމްލަ 285،219 ވޯޓު ކަރުދާސް ކަމަށް އިލެކްޝަންސް ކޮމިޝަނު (އީސީ) އިން ބުނެފި އެވެ.
އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސް ޗާޕުކުރި އަދަދު އަދި ތަފުސީލު އާންމުކުރުމަކީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން ލާޒިމުކޮށްފައިވާ ކަމަށެވެ.
އެ މައުލޫމާތު އާންމުކޮށްފައިވަނީ އީސީއިން އިއްޔެ ކުރި އިއުލާނެއްގަ އެވެ. ގާނޫނުގައިވާ ގޮތުން ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އެއް ޕަސެންޓު އިތުރަށް ކަރުދާސް ޗާޕު ކުރަންޖެހެ އެވެ،
"ރިޔާސީ އިންތިހާބުގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕްކޮށްފައިވަނީ ރާއްޖޭގެ ޗާޕްހާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުން، ޗާޕްކޮށްފައިވާ ވޯޓު ކަރުދާހުގެ ޖުމްލަ އަދަދަކީ 285،219،" ކޮމިޝަނުން ބުނެފައިވެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 282،000 އަށް އަރަ އެވެ.

ރިޔާސީ އިންތިހާބުގައި މިފަހަރު ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް އީސީއިން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް ސޯލިހުގެ އިތުރުން ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 ޕސެންޓުގެ އިތުރުން އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.













