އެކިއެކި މައްސަލަތަކުގައި ފުލުހުން އަތުލައިގެންފައިހުރި 232 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.
މިއީ އެކި މައްސަލަތަކުގައި 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިހުރި މަސްތުވާ ތަކެއްޗެވެ. މިތަކެތި ނައްތާލާފައިވަނީ ދޫނިދޫގައެވެ.
ފުލުހުން ބުނީ މިއަދު ނައްތާލި ތަކެތީގެ އަގު 368 މިލިއަން ރުފިޔާ އަށްވުރެ ގިނަވާނެ ކަމަށެވެ. އެގޮތުން މިއަދު ނައްތާލާފައިވަނީ 1،509 މައްސަލައާއި 659 އިންސިޑެންޓުގައި ހިމެނޭ\ 4،405 އެވިޑެންސް ކަމަށް ފުލުހުން ބުންޏެވެ.
އޭގެތެރޭގައި ހިމެނެނީ:
އެމްޑީއެމްއޭ 1،495.97 ގްރާމް
މެތް 3،7953.49 ގްރާމް

މޯފިން 90،860.86 ގްރާމް
ކެނަބިނޯލް 30،266.87 ގްރާމް
ކޮކެއިން 17،830.90 ގްރާމް
އެލްއެސްޑީ 0.1142 ގްރާމް
ސްޓިމިއުލަންޓާއި މަނާ ބޭހުގެ 54،145.42 ގްރާމް
މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.













