ލިސްޓީރިއާ މޮނޯސައިޓޯޖީންސް ކިޔާ ޖަރާސީމަކުން ތަޣައްޔަރުވެފައިވާ ފްރާންސްގެ ޗީޒް އެއް ރާއްޖެ އެތެރެވެފައިވާތީ، އެ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަރަންސޭސިވިލާތުގެ ކަމެމްބާޓް ޗީޒް ޖަރާސީމުން ތަޣައްޔަރުވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން ދީފައިވާ ކަމަށެވެ. އެ އެލާޓާ ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުމުގެ މަސައްކަތް އަންނަ ކަމަށް ވެސް އެ އޮތޯރިޓީގެ ބަޔާނުގައި ބުންޏެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރީން ވަނީ ކަމެމްބާޓް ބްރޭންޑުގެ ޗީޒްގެ އެ ބެޗު ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާފަ އެވެ.
އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ނަންބަރު 7603204 ނުވަތަ 3014361 އަށް ގުޅުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އެދިފަ އެވެ.













