އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު ކަރުދާހުގައި އެކި ކުލަކުލައިގެ ގަލަމުން ފާހަގަ ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ބޭނުންކުރެވޭނީ ނޫ ނުވަތަ ކަޅު ކުލައިގެ ދެލި އަންނަ ގަލަން އެކަނި ކަމަށެވެ.
ހަބީބް ވިދާޅުވ ގާނޫނުގައި ބުނެފައި އޮންނަނީ ވޯޓު ކަރުދާހުގައި ފާހަގަޖަހަން "އާދައިގެ ގަލަމެއް" ބޭނުންކުރުމަށް ކަމަށެވެ. އަދި އެ ކޮމިޝަނުން އާދައިގެ ގަލަމުގެ ގޮތުގައި ބަލަނީ ނޫ ނުވަތަ ކަޅު ދެލިން ލިޔެވޭ ގަލަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮމިޝަނުން އިއްޔެ ނިންމި ނިންމުމަކީ އާދައިގެ ގަލަމަކީ ކޮބައިތޯ، އާދައިގެ ގަލަމެއްގެ ގޮތުގަ ކޮމިޝަނުން މި ބަލަނީ ކަޅު ނުވަތަ ނޫ ކުލައޮގެ ގަލަމެއް ކަމަށް. އެހެންވީމަ އެހެން ކުލައެއްގެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ،" ހަބީބް ތަކުރާރުކޮށް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ އެ ބަދަލު ގެނައުމުގެ މަގުސަދަކީ ވޯޓުގެ އިންސާފުކަމާއި މިނިވަންކަން ދަމަހައްޓައި، އެއްވެސް ނުފޫޒެއް ނެތި ވޯޓުލާކަން ކަށަވަރުކޮށް، ވޯޓުގެ ސިއްރުކަން ރައްކާތެރިކުރުން ކަމަށެވެ.

މީގެ އިތުރުން ވޯޓު ކަރުދާހުގައި ޖެހޭނީ އެންމެ ފާހަގައެއް ކަމަށާއި އެއް ފާހަގައަށް ވުރެ ގިނަ ފާހަގަޖަހާފައިވާ ނަމަ ވޯޓު ބާތިލްވާނެކަމަގައި ވެސް ހަބީބް ފާހަގަކުރެއްވި އެވެ. އަދި އިތުރު ކުރެހުމެއް ނުވަތަ ނިޝާނެއް ވޯޓު ކަރުދާހުގައި އޮތް ނަމަ ވެސް ވޯޓު ބާތިލް ވާނެ ކަމުގައި ވިދާޅުވި އެވެ.
"ކޮންމެ މީހަކަށް ވެސް އެމީހަކު ވޯޓުދޭ ކެނޑިޑޭޓުގެ ނަމު ކައިރީގަ އެންމެ ފާހަގައެއް ޖެހޭނީ. އިތުރު ނިޝާނެއް ނުވަތަ ކުރެހުމެއް ޖަހައިފިއްޔާ ބާތިލު ވޯޓެއް ކަމަށް ބެލެވޭނީ،" ހަބީބް ފާހަގަކުރެއްވި އެވެ.
ވޯޓު ލާން އަންނަ ފަރާތުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގެ އިތުރުން، ވޯޓުގެ ސައްހަކަމާއި ސިއްރުކަން ގެއްލޭފަދަ ނިޝާންތަކާއި ކުރެހުންތައް ޖަހަނީ ބައެއް ފަހަރު މަޖުބޫރީ ހާލަތެއް އޮވެގެން ކަމުގައި ހަބީބް ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކުން ބައެއްފަހަރު މަޖުބޫރީ ހާލަތްތަކެއް ދިމާވެގެން ކުރާކަމެއް[ ވޯޓު ކަރުދާހުގަ ކުރެހުން] މިއީ. ވޯޓުލާ މީހަކަށް އެއްވެސް ކަހަލަ މަޖުބޫރީ ހާލަތެއް ނޯންނާނެ. ވޯޓުގެ ސިއްރުކަން ގެއްލޭ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ކޮމިޝަނުން އެ ފުރުސަތެއް ނުދޭނަން،" ހަބީބް ފާހަގަކުރެއްވި އެވެ.
ހަބީބް އިތުރަށް ވިދާޅުވީ އެންމެ ފަހުން ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒުގަ ބޫތު ބަހައްޓާފައި ހުންނާނީ ވޯޓުލާ މީހާ ބޫތު ކައިރިއަށް ދިޔުމުން ކުރިމަތި ފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް، ރިޔާސީ އިންތިހާބު 2023 ގައި ވޯޓުލާ ބޫތު ހުންނާނީ މީހާގެ ފުރަގަސް ފެންނަ ގޮތަށް ކަމުގައި ވިދާޅުވި އެވެ.
މިފަދައިން ބޫތު ބަދަލުކުރުމުގެ ބޭނުމަކީ ވޯޓުގެ ސިއްރުކަން ގެއްލުވާމަށްޓަކައި ބައެއް ފަރާތްތަކުން ފޮޓޯ ނެގުމާއި އަސްލު ކަރުދާސް ބަދަލުކުރުން ފަދަ ކަންކަމަށް ހުރަސް އަޅަން ކަމަށް ހަބީބް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،395 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ.
މިއީ ފެހި ގާނޫނު އަސާސީއާ އެކު 2008 ގެ ފަހުން ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ފަހަރެވެ. މީގެ ކުރިން 2008 ގައި ހަ ކެންޑިޑޭޓުން، 2013 ގައި ހަތަރު ކެންޑިޑޭޓުން، އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.












