އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަނަށް ރަށްރަށަށް ފޮނުވާ އެއްވެސް ފުލުހަކު، ވޯޓު ނުލެވޭ ތަނަކަށް ނުފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެ ބަޔާނެއް ރޭ ނެރެފައި ވަނީ އިއްޔެ މެންދުރު ފަހު ޕީޕީއެމް/ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ވޯޓުލުމުގެ ހައްގު ނިގުޅައި ގަނެ، ރީ-ރަޖިސްޓްރީ ކޮށްފައި ނުވާ ތަންތަނަށް އެމީހުން ފޮނުވުމަށް ރާވާފައި އޮތް ކަމަށް ބުނުމާއި ގުޅިގެންނެވެ.
ބަޔާނުގައި ފުލުހުން ބުނެފައި ވަނީ ސެކިއުރިޓީ އޮޕަރޭޝަންތަކުގައި ފުލުހުން އެކި ރަށް ރަށަށް ފޮނުވުގެ ސަބަބުން އެ ފުލުހުންނަށް ވޯޓު ލުމުގެ ހައްގު ގެއްލޭ ކަމަށް ބައެއް ސިޔާސީ ޕާޓީތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ފުލުހުން ރަށްރަށަށް ފޮނުވަނީ ކުރިއާލައި ކަނޑައަޅައި، ރީ-ރަޖިސްޓްރީކޮށް އިންތިޒާމުތައް ހަމަޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ.
އެއްވެސް ފުލުހަކު ސެކިއުރިޓީ އޮޕަރޭޝަނަށް ފޮނުވައިގެން، ވޯޓު ލުމުގެ ހައްގު ގެއްލިގެން ނުދާނެ ކަމުގެ ޔަގީންކަން ފުލުހުންދެ އެވެ.















