މާލެ އަތޮޅު ނޫން އެހެން ހުރިހާ އަތޮޅަކަށް, އިންތިހާބާ ގުޅޭ ލިޔެކިއުންތަކާއި, ސެކިއުރިޓީ ސާމާނު ފޮނުވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވި ގޮތުގައި, ސެޕްޓެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަކާއި, ސެކިއުރިޓީ ސާމާނު ހިފައިގެން އެ ކޮމިޝަނުގެ އޮފިޝަލުން އަތޮޅުތަކަށް ފުރީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ.
އިންތިހާބީ ސާމާނު ހިފައިގެން ދެކުނުގެ އަތޮޅުތަކަށް އެ ކޮމިޝަނުގެ އޮފިޝަލުން ފުރީ މިއަދު ހެނދުނު އެވެ. މިއާއެކު މާލެއަތޮޅު ފިޔަވައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވާ ނިމިފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ މާލެ އަތޮޅަށް ތަކެތި ފޮނުވަން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
އިންތިހާބާ ގުޅޭ ސާމާނު ފޮނުވުމުގައި އިލެކްޝަނަށް ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިން އިރު, އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ވަނީ އިއްޔެ ފުރަން ފަށާފަ އެވެ.

ރިޔާސީ އިންތިހާބު 2023، އަދާހަމަ
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 އެއްގަ އެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30 އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282،000 އަށް އަރަ އެވެ.
ރިޔާސީ އިންތިހާބުގައި މިފަހަރު ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް އީސީއިން ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި، އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް ސޯލިހުގެ އިތުރުން ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ. މި ފަހަރު ދެ ވަނަ ބުރަކަށްދާ ނަމަ އެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.













