އައިލެންޑު އޭވިއޭޝަންއާއި މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ގުޅިގެން އާ އެއާލައިނެއް އުފެއްދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރީގައި އެކަމަށް ހާއްސަކޮށް މިއަދު ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އައިލެންޑު އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު މިހާދު އެވެ. ފަންޑު މެނޭޖުމަންތުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހަސަން މަނިކު އެވެ.
މިއަދުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ރާއްޖޭގެ ގައުމީ އެއާލައިންގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ވެސް އޮތް، އައިލެންޑު އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ ބައިނަލްއަގުވާމީ އޮޕަރޭޝަންތައް ހިންގުމަށް ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ވެސް ބޮޑަށް އަމާޒު ހިފާނީ ދުރު ރާސްތާ ފުލައިޓުތައް އޮޕަރޭޓު ކުރުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވްސް ފަންޑު މެނޭޖުމަންޓުން ބުނީ މިއީ ބައިނަލްއަގުވާމީ ގުޅުންތައް ފުޅާވެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމެއް ކަމަށެވެ.
އިތުރު އެއާލައިނެއް އުފެއްދުމުގެ އެއްބަސްވުމުގައި އެ ދެ ކުންފުނީގެ މެދުގައި މިއަދު ސޮއި ކުރެވުނުއިރު، އައިލެންޑު އޭވިއޭޝަނުން މިހާރު ދަނީ ގައުމީ އެއާލައިން އޮޕަރޭޓު ކުރަމުންނެވެ. ނަމަވެސް މިއީ މޯލްޑިވްސް ފަންޑު މެނޭޖުމަންޓުން ވައިގެދަތުރުފަތުރުގެ ތަޖުރިބާއެއް ކުރާ ފުރަތަމަ ފަހަރެވެ.













