މޫސުން ގޯސްވުމުގެ ސަބަބުން އުތުރުގެ ރަައްތަކަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާސް ފޮނުވުން ލަސްވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުތުރުގެ ރައްތަކުގެ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ތަކެތި މޫސުން ގޯސްވުމުގެ ސަބަބުން ނުފޮނުވުނު ކަމަށެވެ. ފަތިހު އެތަކެތި ލޯންޗަކަށް އެރުވުމަށް ފަހު ވެސް އަނބުރާ އިލެކްޝަން ކޮމިޝަނަށް ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޮމިޝަނުން އިއްޔެ ބުނީ ދެކުނުގެ ރައްތަކަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާސްތައް ފޮނުވާނީ އަންގާރަ ދުވަހު ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،395 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ. އެހެންކަމުން މި އަހަރުގެ އިންތިހާބަށް ގާތްގަނޑަކަށް 282،395 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާނެ އެވެ.
ވާދަކުރާ ކެންޑިޑޭޓުން
- އަމިއްލަ ގޮތުން؛ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
- އަމިއްލަ ގޮތުން؛ ޑިފެންސްގެ ކުރީގެ ނައިބު ހަސަން ޒަމީލް
- އެމްޑީޕީ؛ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
- ޕީއެންސީ؛ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
- ޖޭޕީ؛ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
- އަމިއްލަ ގޮތުން؛ އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން
- ޑިމޮކްރެޓްސް؛ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
- އެމްއެންޕީ؛ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
މިއީ ފެހި ގާނޫނު އަސާސީއާ އެކު 2008 ގެ ފަހުން ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ފަހަރެވެ. މީގެ ކުރިން 2008 ގައި ހަ ކެންޑިޑޭޓުން، 2013 ގައި ހަތަރު ކެންޑިޑޭޓުން، އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާޑަދަކުރެއްވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9 ގައި އޮންނަ އިރު، ވަނަ ބުރަކަށްދާ ނަމަ އެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.












