ރާއްޖޭގައި 100 ރަށެއް، އެއީ ޖުޒާމްބަލި އެއްގޮތަކަށް ވެސް ނެތް ރަށްތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާ ވަރަށް އެބަލި މަދުކުރަން ކުރާ މަސައްކަތަށް އެންމެން އެއްބާރުލުން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ އެވެ.
ރާއްޖެއަކީ އެބަލި މުޅިން ނައްތައިލެވިފައިވާ ގައުމެއް (ޒީރޯ ލެޕްރަސީ ގައުމެއް) ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައެޅުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ޝަރުތުތައް ހަމަކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ 2019 ވަނަ އަހަރު އެވެ. އެ ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި، ރާއްޖޭގެ 100 ރަށެއް އެއީ އެ ބަލި އެއްގޮތަކަށް ވެސް ނެތް ރަށްތައް ކަމަށް މިއަހަރު ނިމުމުގެ ކުރިން ކަނޑައެޅުމަކީ ސަރުކާރުގެ އަމާޒެކެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 100 ރަށެއްގައި ޖުޒާމްބަލި އެއްގޮތަކަށް ވެސް ނެތް ކަމަށް ކަނޑައަޅަން ބޭނުންވާ ޝަރުތުތައް ފުރިހަމަކުރަން 2019 ވަނަ އަހަރު އެކުލަވައި ފްރޭމްވޯކްގެ މަސައްކަތް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ހުއްޓުމަށް ފަހު އަލުން ފެށީ މިދިޔަ އަހަރު ކަމަށެވެ. މިދިޔަ އަހަރު އެ މަސައްކަތް އަލުން ފެށީ ކުރީގެ ފްރޭމްވޯކް މުރާޖައާ ކޮށްގެންނެވެ.
ރާއްޖެއިން މެލޭރިއާ އާއި ފައިލޭރިއާ ފަދަ ބަލިތައް ނައްތައިލެވުނީ ހެލްތު އެޗްޕީއޭއިން ބުނި ގޮތުގައި އާއްމުންނާއި ސިއްހީ ހިދުމަތްތެރިންނާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ އެއްބާރުލުން ލިބިގެންނެވެ.
"ލެޕްރަސީ ރާއްޖެއިން ނައްތައިލުމަށް ކަނޑައެޅިފައިވާ މި ޕްރޮގްރާމްގައި ފަރުދީ ގޮތުން ހުރިހާ ފަރާތްތައް އަމިއްލަައަށް އިސްނަގައިގެން ބައިވެރިވުން ވަރަށް މުހިއްމެވެ. މި ޕްރޮގްރާމްގައި ކަނޑައެޅިފައިވާ ގޮތަށް 100 އަށް ވުރެ ގިނަ ރަށްރަށަކީ ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް އެންމެންގެ އެއްބާރުލުން ދެއްވުމަށް އެދި ދަންނަވަމެވެ،" ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.













