ރިޔާސީ އިންތިހާބަށް 11 ދުވަހަށް ވެފައިވާއިރު، ވޯޓު ލާން ބޭނުންކުރާ ވޯޓު ކަރުދާސްތައް ޗާޕުކޮށް، އެއިން އަތޮޅުތަކަށް ފޮނުވަން ޖެހޭ ކަރުދާސްތައް ޕެކް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތަކަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާހާއި އިތުރު ސާމާނުތައް ސަލާމަތާއި ރައްކާތެރިކަމާއެކު ރަށްރަށަށް ފޮނުވާނީ ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާ އެކު ކަމަށެވެ.
އެންމެ ފުރަތަމަ މާދަމާ ފަށާނީ އުތުރުގެ އަތޮޅުތަކަށް ފޮނުވަން ޖެހޭ ތަކެތީގެ ތެރެއިން އަތޮޅު ކައުންސިލްތަކާއި ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލަށް ފޮނުވަން ޖެހޭ ތަކެތި ކަމަށް ހަބީބު ވިދާޅުވި އެވެ.
އަދި އަންނަ އަންގާރަ ދުވަހު ދެކުނު އަތޮޅުތަކުގެ ކައުންސިލަށާއި، ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ކައުންސިލަށް ފޮނުވަން ޖެހޭ ތަކެތި ފޮނުވާނެ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
ރަށު ކައުންސިލްތަކަށް ފޮނުވަން ޖެހޭ އިންތިހާބާ ގުޅޭ ސާމާނުތައް ފޮނުވާނީ އަންނަ ބުދަ ދުވަހު ކަމަށް ވެސް ހަބީބު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.

މާދަމާ ފޮނުވަން ފަށާ ތަކެތީގެ ތެރޭގައި ވޯޓު ކަރުދާސްތައް ހިމެނޭ ކަން ހަބީބު ވަނީ "އަދަދު" ނޫހަށް ޔަގީންކޮށްދެއްވައިފަ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،395 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ. އެހެންކަމުން މި އަހަރުގެ އިންތިހާބަށް ގާތްގަނޑަކަށް 282،395 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާނެ އެވެ.
ވާދަކުރާ ކެންޑިޑޭޓުން
- އަމިއްލަ ގޮތުން؛ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
- އަމިއްލަ ގޮތުން؛ ޑިފެންސްގެ ކުރީގެ ނައިބު ހަސަން ޒަމީލް
- އެމްޑީޕީ؛ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
- ޕީއެންސީ؛ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
- ޖޭޕީ؛ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
- އަމިއްލަ ގޮތުން؛ އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން
- ޑިމޮކްރެޓްސް؛ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
- އެމްއެންޕީ؛ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
މިއީ ފެހި ގާނޫނު އަސާސީއާ އެކު 2008 ގެ ފަހުން ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ފަހަރެވެ. މީގެ ކުރިން 2008 ގައި ހަ ކެންޑިޑޭޓުން، 2013 ގައި ހަތަރު ކެންޑިޑޭޓުން، އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާޑަދަކުރެއްވި އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 އިންސައްތަ އަދި އިތުރު އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9 ގައި އޮންނަ އިރު، ވަނަ ބުރަކަށްދާ ނަމަ އެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.












