ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާލޭގައި ދަމާ ފޮތި ތަކާއި ހަރުކުރާ ބޯޑްތަކުގެ ސަބަބުން ފުލުހުންގެ ކެމެރާތަކާއި ޓްރެފިކް ލައިޓުތަކަށް ހުރަސްއެޅޭތީ އެގޮތަށް ހުރި ތަކެތި ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އަންގައިފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ސެކިއުރިޓީ ކެމެރާތަކާއި، މާލެސިޓީގެ މަގުތަކާއި، ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް ކެމްޕޭން މެޓީރިއަލް ބަހައްޓަމުންދާތީ އެކަން އެގޮތަށް ނުކުރަން އަދި އެގޮތަށް ހުރި ތަކެތި ނަގަން އިއްޔެ އަންގާފައިވާ ކަމަށެވެ.
"އެގޮތަށް ހަރުކޮށްފައިވާ ތަކެތި 24 ގަޑިއިރުގެ މުހުލަތުގައި ނަގައި ނިންމުމަށް ކެންޑިޑޭޓުންނަށާއި، ޕާޓީތަކަށް އީސީ އިން ވަނީ އަންގާފައި. އަދި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނާއެކީގައި އީސީ އާއި، މޯލްޑިވްސް ޕޮލިސް ސާވިސް އިން ބައްދަލުކުރި ދުވަހުވެސް މި ވާހަކަތައް ވާނީ ދަންނަވާފައި" ހަބީބު ލިޔުއްވާފައިވެ އެވެ.
މީގެއިތުރުން ހަބީބު ވަނީ ހުރިހާ ޕާޓީތަކުން އަދި ކެންޑިޑޭޓުންވެސް އިންތިހާބާ ބެހޭ ގާނޫނުގައި ބުނާގޮތަށް ނަގަންޖެހޭ ހުއްދަތައް ނަގައިގެން ނޫން ގޮތަކަށް މަގުތަކުގަޔާއި، އިމާރާތްތަކުގައި، ކެމްޕޭނުގެ އެއްވެސް އެއްޗެއް ހަރުކޮށް، ދަމައި އަދި ހިއްޕާ ނުހެދުމަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ ކަންކަން ހައްލުކުރަން ކޮންމެ ފަހަރަކު ފުލުހުން ބޭނުންކުރުމަކީ އީސީއިން އެދޭގޮތް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އެހެންކަމުން، ޕާޓީތަކުން މިހާރަށް ވުރެ ޒިންމާދާރު ކަމާއެކު، މިފަދަ ކަންކަމުގައި، ޢަމަލު ކުރެއްވުން އެދެން
މި އަހަރުގެ ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބެވެ. އެގޮތުން ޕާޓީތަކުން ފަސް ކެންޑިޑޭޓަކު އަދި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެވެ.

ރިޔާސީ ކެންޑިޑޭޓުން
- އުމަރު ނަސީރު (އަމިއްލަ)
- ހަސަން ޒަމީލް (އަމިއްލަ)
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
- ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
- ގާސިމް އިބްރާހިމް (ޖުމްހުރީ ޕާޓީ)
- އަހުމަދު ފާރިސް މައުމޫން (އަމިއްލަ)
- އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
- މުހައްމަދު ނާޒިމް (އެމްއެންޕީ)
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުނަށް ލިބެ އެވެ. ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނަ އިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.
އިންތިހާބަށް ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން މާލޭގައި ބަހައްޓާނީ ޖުމްލަ 176 ވޯޓްް ފޮށްޓެވެ. އަތޮޅު ތެރޭގައި 319 ފޮށި ހުންނައިރު ރާއްޖެއިން ބޭރުގައި އަށް ފޮށި ބެހެއްޓުމަށް އިސީން ވަނީ ނިންމަވާފައެވެ. އޭގެއިތުރުން 65 ރިސޯޓަކާއި ޖަލުތަކުގައި ފަސް ފޮއްޓަކާއި ހުޅުލޭގައި އެއް ފޮށި ހުންނާނެ ކަމަށް ވެސް އީސީން ބުނެފައިވެ އެވެ.












