ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް މަރުހަބާ ކިޔުމަށްޓަކައި މިއަދު ފުވައްމުލަކުން ނުކުތް މީހުންގެ ތެރޭގައި އަދާލަތު ޕާޓީގެ ރަސްމީ ކުލަ ކަމުގައިވާ ފެހި ކުލައިގެ ޓީޝާޓު ލައިގެން ބަޔަކު ތިބުމުން އެކަން ކުށްވެރިކޮށްފި އެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ އެއީ އެ ޕާޓީއަށް ނިސްބަތްވާ ބައެއް ނޫން ކަމަށެވެ.
އަދާލަތު ޕާޓީގެ މެމްބަރުކަން ދެއްކުމަށް ފެހި ކުލައިގެ ޓީޝާޓުގައި ނުކުތް މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެ ޕާޓީގައި ކުރިން އުޅުނު ބަޔެކެވެ. އަދި އޭގެ ތެރެއިން އެކަކު އެމްއެންޕީއަށް ވެސް ބަދަލުވެފައިވެ އެވެ.
"ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިކަމަކީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމެއް ކަމަށް ވާތީ މިކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން،" ނަޒީރު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ތާއިދު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެމްޑީއޭއިން ވެސް ރައީސް ސޯލިހަށް ތާއިދު ކުރެ އެވެ.













