ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް މިހާތަނަށް ހުށަހަޅާފައިވަނީ ޖުމްލަ 13 މައްސަލަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ޝަކުވާތަކާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "އަދަދު" އަށް ވިދާޅުވީ، ޖުލައި 22 ގައި ގާއިމުކުރިި ޝަކުވާ ހުށަހެޅުމުގެ ނިޒާމު މެދުވެރިކޮށް ހުށަހެޅުނު 13 މައްސަލައަށްވެސް މިހާރު ޖަވާބު ދެވިފައިވާ ކަމަށެވެ.
"މައިގަނޑު ގޮތެއްގައި ހުރީ ރަޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތައް، މިސާލަކަށް މަރުވެފައި އޮތް މީހުން ތިބި ވާހަކަ، އޭގަ ވާގޮތަކީ މަރުވި ކަމުގެ ރަސްމީ ލިޔުން އީސީއަށް ނުލިބޭނަމަ ލިސްޓުގައި އޮންނާނެ. އެ މައްސަލަތަކަށްވެސް ޖަވާބު ދެވިފައިވާނީ"
ހަބީބު އިތުރަށް ވިދާޅުވީ ދެން ހުށަހެޅިފައިހުރީ ކެމްޕޭނާ ގުޅޭ ދެ ޝަކުވާއަކާއި ފޯކަލް ޕޮއިންޓުންނާ ގުޅޭ ޝަކުވާއެއް ކަމަށެވެ. މީގެ ތެރޭގައި ޕާޓީތަކުން އަދި އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައްވެސް ހިމެނެ އެވެ.
ކޮމްޕްލެއިންޓްސް ބިއުރޯގެ ތަފްސީލުތައް
ގުޅޭނެ ނަމްބަރު: 3004498 އަދި 3004450

އީމެއިލް އެޑްރެސް: complaints@elections.gov.mv
ޝަކުވާ ހުށަހަޅާ މަރުކަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.
ޝަކުވާ ހުށަހެޅުމުގެ ފޯމު ލިބެންހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު ތަކާއި ސިޓީ ތަކުގައި ހުރި އެ ކޮމިޝަނުގެ ފޯކަލް ޕޮއިންޓް ތަކުން ކަމަށެވެ.
ރާއްޖެއިން ބޭރުގައި ގާއިމުކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް ވެސް އީސީން ބުންޏެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 އެއްގަ އެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30 އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ޖުމުލަ 282,395 މީހުންނަށެވެ.












