މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ލުމުގެ ފުރުސަތު ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ފަހިކޮށްދިނުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭނުންކުރާ ވޯޓު ކަރުދާހުގެ (ބެލޮޓު ޕޭޕާ) ޓެމްޕްލޭޓް ބޭނުންކުރަން ދަސްކޮށްދޭ ޓްރެއިނިންތައް ފަށައިފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު "އަދަދު" އަށް ވިދާޅުވީ، ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޓެމްޕްލޭޓް ބޭނުންކުރަން އެ ފަރާތްތަކަށް ދަސްކޮށްދިނުމުގެ ގޮތުން މިއަދު ރާއްޖެތެރޭގައި ޓްރެއިނިން ޕްރޮގްރާމުތަކެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން މިއަދު އދ. މާމިގިލި, ފެންފުށީގައި އަދި އޮމަދޫގައި، ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތައް ބައިވެރިކޮށްގެން ޓްރެއިނިންތައް ފަށާފައިވާކަމުގައި ހަބީބް ވިދާޅުވި އެވެ. އަދި މި ޕްރޮގްރާމު ހއ. ގދ. އަދި އދ. އަތޮޅުގެ ބައެއް ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ހަބީބް ފާހަގަކުރެއްވި އެވެ.
ބެލޮޓް ޕޭޕާ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. އޭގެ ބޭނުމަކީ ލޮލުން ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ވެސް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އެމީހަކު ބޭނުންވާ ނަންބަރެއްގައި ފާހަގަ ޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ލޯފަން މީހުންނަށް ހާއްސަ މި ޓެމްޕްލޭޓް އީސީން ތައާރަފުކޮށްފައިވީ ނަމަވެސް، ޓްރެއިނިން ނުލިބި ނުވަތަ ޓެމްޕްލޭޓް ތަޖުރިބާ ކުރުމަކާއި ނުލައި އެ ފަރާތްތަކަށް ވޯޓު ލާން ޖެހުމަކީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)ގެ ވެސް ކަންބޮޑުވުމެކެވެ.

"އެއީ އަޅުގަނޑުމެންގެ ވެސް ވަރަށް ބޮޑު ކޮންސާން އެއް. އޯޑިއޯއަކުން ނުވަތަ ވީޑިއޯއަކުން ކިޔައިދިނަސް އަޅުގަނޑުމެންގެ އެދުމަކީ ބްލައިންޑް ކުއްޖާއަށް އެއްފަހަރު ހަމަ ސާމްޕަލް އެއްޗެއްގަ ވިޔަސް ފިޒިކަލީ އަތްލާ ޓެސްޓުކޮށްލުން،. ބައެއް ފަހަރު އެބަހުރޭ ނުބައިކޮށް ފާހަގަ ޖެހިފަ އަޅުގަނޑުމެން ޓެސްޓުކުރި އިރު،" ބީވީއައިއެސްއެމްގެ ނައިބު ރައީސް ހުސެން ޝަރީފް މި ނޫހަށް ވިދާޅުވި އެވެ.
އަދި އަމަލީ ގޮތުން ޓެމްޕްލޭޓް ތަޖުރިބާ ކޮއްލަން ނުލިބި ވޯޓު ލާންޖެހިއްޖެ ނަމަ އެ ކޮންފިޑެންސް ނުހުންނަ ކަން ގިނަ ލޯފަން ކުދިން ފާހަގަކުރާ ކަމުގައި ޝަރީފް ވިދާޅުވި އެވެ.
އޭގެ އިތުރުން ޝަރީފް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ލޮލުން ފެނުމުން މަހުރޫމުވެފައި ހުރިހައި ފަރާތްތަކަށް އިންތިހާބުގެ ކުރިން ޓެމްޕްލޭޓް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުމަކީ ބީވީއައިއެސްއެމްގެ ވަރަށް ބޮޑު އެދުމެއް ކަމުގަ އެވެ. އަދި އީސީން ގެންގުޅޭ ހާއްސަ ޓެމްޕްލޭޓުގެ އަދަދު މަދުކަން ފާހަގަކުރެއްވި އެވެ.
ބެލޮޓް ޕޭޕާ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. އޭގެ ބޭނުމަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އެމީހަކު ބޭނުންވާ ނަންބަރެއްގައި ފާހަގަ ޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ބޭރުގެ ގިނަ ގައުމުތަކުގައި ވެސް ބޭނުން ކުރާ އެ ޓެމްޕްލޭޓުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ހުންނަ ގޮޅިތަކާ ދިމާލުން ކެންޑުމެއް ހުންނާނެ އެވެ. އެ ކެންޑުންތައް ފަރުމާ ކޮށްފައި ހުންނާނީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އަތްލައިގެން ނަންބަރު ދެނެގަނެވޭ ގޮތަށެވެ.
ލޯފަން މީހުންނަށް އެހީތެރިކަމަކާ ނުލާ ވޯޓު ލެވޭނެ ގޮތް ހެދުމަށް އެދި ބްލައިންޑް އެސޯސިއޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން މީގެ ކުރިން ވޯޓު ލަނީ އެހެން މީހެއްގެ އެހީތެރިކަމާ އެކު އެވެ.













