ގދ. ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައިހުރި އައިވީތަކެއް ކުޑަކުދިންތަކެއް ގަޔަށް ގުޅަން އުޅުނުކަމަށް ބުނާ މައްސަލާގައި އެތަނުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑް ކޮށްފި އެވެ.
ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކެއް ގަޔަށް ގުޅަން އުޅުނު މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ މިރޭ ވިދާޅުވީ އެ މައްސަލަ މިިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.
އަދި މިމައްސަލަ އިތުރަށް ބަލަންދެން އެކަމުގައި ޝާމިލުވާ ހަތަރު މުވައްޒަފަކު ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށާއި މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ވިދާޅުވި އެެވެ.
މި މައްސަލަ ފެންމަތީވީ މިރޭ އިރު އޮއްސެން އުޅެނިކޮށެވެ. ގައްދޫއިން މި ނޫހާ ވާހަކަ ދެއްކި ގޮތުގައި އެ އައިވީ ތަަކަކީ މިދިޔަ ޖުލައި މަހަށް މުއްދަތު ހަމަވެފައިހުރި އައިވީ ތަކެކެވެ.
އެ މައްސަލާގައި ގައްދޫގެ ރައްޔިތުން ވަނީ ސިއްހީ މަރުކަޒު ކުރިމަތީ މުޒާހަރާ ވެސް ކޮށްފަ އެވެ.

ގައްދޫއިން ވާހަކަ ދެއްކި އިތުރު މީހަކު "އަދަދަށް" ވިދާޅުވި ގޮތުގައި އައިވީތައް މުއްދަތު ހަމަވެފައިވާކަން އެގުނީ ހުން އައިސް ރޯގާޖެހިގެން މަރުކަޒުގައި އެޑްމިޓްކުރި ކުއްޖެއް ގަޔަށް ގުޅަން އުޅުމުގެ ތެރޭގަ އެވެ. އޭރު އެޑްމިޓް ކޮށްފައި އޮތް އެހެން ކުއްޖެއް ގަޔަށްވެސް އައިވީއެއް ގުޅާފައި އޮތް ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އެއީ މުއްދަތު ހަމަވެފައިވާ އައިވީއެއްތޯ ބަލަން އާންމުން ދިޔައިރު އެ ކުއްޖާ ގަޔަށް ގުޅާފައިހުރި އައިވީ ނައްޓައި ސިއްހީ މަރުކަޒުން އެ އައިވީ ފޮރުވީ ކަމަށާއި އައިވީ ފޮރުވީ މުއްދަތު ހަމަވެފައިވާތީ ކަމަށް އެރަށު މީހުން ބުނަމުންދާ ކަމަށް އޭނާ ބުންޏެވެ.
titledesc












