މަސްތުވާތަކެތީގެ މުއާމަލާތުކުރުމުގެ ކުށުގައި ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު(46އ) ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ އިބްރާހީމް ރަޝީދު ހޯދަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ، ހާޒިރު ކުރެވިފައި ނުވާތީ ކަމަށެވެ. އަދި އެއީ ދައުލަތުން ދައުވާ ކުރާ ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ މައްސަލައެއްގައި ކަމުގައި ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.
އެގޮތުން އޭނާ ބަންދުގައި ބަހައްޓައިގެން އަންނަ އޮކްޓޯބަރު 23، 9:45 ކަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ވަނީ އިބްރާހީމް ރަޝީދާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
ޕީޖީ އޮފީހުން އިބްރާހިމް ރަޝީދުގެ މައްޗަށް ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ދައުވާކުރީ 2017 ވަނަ އަހަރުގަ އެވެ. އެއީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 28، 2016 ދުވަހުގެ މެންދަމު މަގުމަތިން އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާ އެއްލާލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައެއްގަ އެވެ.













