ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނުނު ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ ޑޮލަރުތައް ފެނުނީ އިއްޔެ އިރުއޮއްސި 18:28 ގައި ވީއައިއޭގެ އިންޓަނޭޝަނަލް ޓާމީނަލް ކަފިހުރަސް މަތިން ކަމަށެވެ.
"ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މިފައިސާގެ ވެރިފަރާތް ހޯދިފައިނުވެއެވެ." ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޑޮލަރުގެ ވެރިފަރާތުން އެއީ ކާކުކަން އަންގައިދޭފަދަ ލިއުމަކާ އެކު އެއާޕޯޓު ފުލުހަށް ހާޒިރުމުން އެ ފައިސާ ހަވާލުކުރާނެ ކަމަށެވެ. އަދި ވެރިފަރާތުން އެއާޕޯޓު ފުލުހުންގެ ނަންބަރު 9400056 އަށް ގުޅައި އެކަން އެންގުމަށް ވެސް އެދިފައި ވެއެވެ.
ފެނިފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްއަކީ ދިވެހިންގެ އިތުރުން ބިދޭސީންނާއި ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ގޮސް އުޅޭ ތަނެކެވެ.














