ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު ފައިނަލްކޮށް ރޭ އާންމުކޮށްފި އެވެ.
އެންމެ ފަހުގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކުރީ، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހަފުތާއެއްގެ މުއްދަތު ދިނުމަށް ފަހު އެވެ. ފައިނަލް ލިސްޓަށް "މާބޮޑު ޝަކުވާއެއް ނެތް" އެކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އަށް ކެންޑިޑޭޓުންގެ ވާދަވެރި ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓުގައި 282،395 މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި އަލަށް ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ.
މިފަހަރު ވޯޓުލުމަށް ޖުމުލަ 574 ފޮށި ބަހައްޓާއިރު، މާލޭ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި އަށް ފޮށި، ޖަލުތަކުގައި ފަސް ފޮށި އަދި ސިނާއީ ރަށްތަކުގައި އެއް ފޮށި ބަހައްޓަ އެވެ.
މާލޭ ސަރަހައްދުގެ ފޮށިތައް
- މާލެ: 142 ފޮށި
- ހުޅުމާލެ: 27 ފޮށި
- ވިލިމާލެ: 7 ފޮށި
ގިނަ ފޮށިތައް ބަހައްޓާ ރަށްތައް
- ހއ. ދިއްދޫ: 4 ފޮށި
- ހދ. ކުޅުދުއްފުށި: 7 ފޮށި
- ރ. ދުވާފަރު: 4 ފޮށި
- ޅ. ހިންނަވަރު 5 ފޮށި
- ޅ. ނައިފަރު 5 ފޮށި
- ލ. ގަން: 4 ފޮށި
- ގދ. ތިނަދޫ: 7 ފޮށި
- ފުވައްމުލައް: 10 ފޮށި
- އައްޑޫ ހިތަދޫ: 15 ފޮށި (އައްޑޫ ސިޓީގައި ޖުމުލަ 31 ފޮށި)
ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ބަލާއިރު، ޖަލުތަކުގައި ވޯޓުލާން 1783 މީހުން، ރާއްޖޭން ބޭރުގައި ވޯޓުލުމަށް 3300 އަށް ވުރެ މީހުން އަދި، ރިސޯޓުތަކުގައި 3900 އަށް ވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވެ އެވެ.












