ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ ކަނޑުމަހުގެ އަގު ކިލޯއަކަށް 20ރ. އަށްވުރެ ދަށަށްދިޔަ ނުދޭނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ސަރުކާރުގެ ކުންފުނި މިފްކޯއިން މިހާރު ރޯ މަސް ގަންނަނީ ކިލޯއަކަށް 17ރ އަށެވެ.
ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް މ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން އެއަތޮޅު ދިއްގަރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ރޯމަސް ގަންނަ އަގު 20ރ. އަށް ހަދާނެ ކަމަށެވެ.
"މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ ދިވެހިރާއްޖޭގައި ރޯމަސް ގަންނަ އަގު 20 ރ. އަށް ހެދުން އެއީ އަޅުގަނޑުމެން ގަސްދުކުރާ ކަން، އެދޭ ގޮތްކަން އަޅުގަނޑުމެން އިއުލާނުކުރަން." ޑރ. މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެ ވައުދު ފުއްދޭނީ ބައެއް ކަންކަން ކޮށްގެން ކަމަށާއި، އެކަން މަސްވެރިން ގަބޫލުކުރާނެ ކަމަށެވެ.

"އެކަން ގަބޫލުކުރައްވާ، [މަސް ގަނެވޭނެ އެންމެ ދަށް އަގު ކަމުގައި 20ރ. ކަނޑައެޅުން] އެއީ އަޅުގަނޑުމެންގެ ޓާގެޓު. އިރާދަކުރެއްވިއްޔާ ހާސިލް ކުރެވޭނެ. އަޅުގަނޑުމެންނަށް އިތުބާރުކުރުމަށް އަޅުގަނޑު އެދެން." މުއިއްޒު ވިދާޅުވި އެވެ.
މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައިދޭނީ އެއްވެސް އަތޮޅެއް ތަފާތުކުރުމެއް ނެތި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭތީ އެމީހުން އަބަދުވެސް ޝަކުވާ ކުރެ އެވެ.
މަސްވެރިންނަށް ހަމައަގު ހޯދައިދޭނެ ކަމަށް އިންތިހާބުގައި ވާދަކުރާ ގިނަ ކެންޑިޑޭޓުން ވައުދުވެ އެވެ. އެގޮތުން ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވެސް ވަނީ މަސް ގަންނާނެ އެންމެ ދަށް އަގުގެ ގޮތުގައި 25ރ. ކަނޑައަޅާނެ ކަމަށް ވައުދު ވެފަ އެވެ.













