ރަޝިއާގެ ގައުމީ އެއާލައިން، އޭރޯފްލޮޓުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުމަށް ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މިހާރު އެ އެއާލައިންއިން ހަފުތާއަކު ހަތަރު ދަތުރު ރާއްޖެ އަށް ކުރެ އެވެ. ނަމަވެސް އަންނަ އޮކްޓޯބަރު މަހުން ފެށިގެން ހަފުތާއަކު ހަތް ފްލައިޓް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
ރާއްޖެއަކީ އެ އެއާލައިނުގެ ފަސިންޖަރުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. ރާއްޖެއަށް މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމަކީ ވެސް ރަޝިއާ އެވެ.
މި މަހުގެ 15 އާ ހަމައަށް ޖުމްލަ 1,159,884 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިއިރު، އޭގެ ތެރެއިން 137,221 ފަތުރުވެރިން ނުވަތަ 11 ޕަސެންޓް ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ.
ރަޝިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި އެ ގައުމުގެ ގައުމީ އެއާލައިނުން، ރާއްޖޭގެ ހައި ސީޒަނާ ދިމާކޮށް ފްލައިޓުތައް އިތުރުކުރުމާއެކު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެކަމަށް ބެލެވެ އެވެ.














