ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާއިރު ވޯޓު މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ރާއްޖޭގެ ނޫސްތަކުން 4،545 މޮނިޓަރުން، އަދި ސިޔާސީ ޕާޓީތަކާއި ރާއްޖޭގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ޖުމުލަ 3.607 އޮބްޒާވަރުންގެ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވީ އިއްޔެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ހުށަހަޅާފައިވާ ޖުމުލަ 8،152 އެޕްލިކޭޝަންގެ މައުލޫމާތު ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި 574 ވޯޓުލާ މަރުކަޒު ގާއިމް ކުރެވޭއިރު، ކޮންމެ ވޯޓުލާ މަރުކަޒެއްގައި ރާއްޖެއިން ގާތްގަނޑަކަށް 14 ބޭފުޅުން، އިންތިހާބު އޮބްޒާވްކޮށް މޮނިޓަ ކުރުމަކީ، އިންތިހާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް، އީސީ އަށް ލިބިގެންދާ ވަރަށްބޮޑު ހިތްވަރެއް. އަދި ހިތްހަމަ ޖެހުމެއް،" އޭނާ ވިދާޅުވި އެވެ.
މި ފަހަރުގެ އިންތިހާބު ވެގެން ދާނީ ރާއްޖޭން ބޭރުގެ މޮނިޓަރުންނާއި އޮބްޒާވަރުން ވެސް އެންމެ ގިނަ އަދަދަކަށް ހަރަކާތްތެރިވާނެ އިންތިހާބަށް ކަމަށް ހަބީބު ވިދާޅުވި އެވެ. އޭނާ ކުރިން ވިދާޅުވެފައި ވަނީ މި އިންތިހާބު އިންތިހާބު އޮބްޒާވްކޮށް މޮނިޓަ ކުރުމަށް ބޭރުގެ 150 އަށް ވުރެ ގިނަ ފަރާތްތަކުން ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިހާރު އަމަލުކުރާ ފެހި ގާނޫނު އަސާސީގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވަނީ މި ފަހަރު އެވެ. ދެހާސް އަށާރަ ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި އެންމެ ބޮޑު އިދިކޮޅު ޕާޓީން، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަނި ވާދަ ކުރެއްވި ނަމަވެސް، މި ފަހަރު ފަސް ސިޔާސީ ޕާޓީއަކުން އަދި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓުންނާއެކު ޖުމުލަ އަށް ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ.
ވާދަ ކުރައްވާ ކެންޑިޑޭޓުން
- އުމަރު ނަސީރު
- ހަސަން ޒަމީލް
- އިބްރާހިމް މުހައްމަދު ސޯލިހު
- މުހައްމަދު މުއިއްޒު
- ގާސިމް އިބްރާހިމް
- ފާރިސް މައުމޫން
- އިލްޔާސް ލަބީބު
- މުހައްމަދު ނާޒިމް












