ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އެ ބައި ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެމަނިކުފާނު 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއަކާއި 11 އަހަރަށް ޖަލަށް ލުމެވެ.
ޔާމީންގެ ފަރާތުން ހުކުމް އިސްތިނާފު ކޮށް އެދިފައި ވަނީ ޖަލު އަދަބާއި، ޖޫރިމަނާގެ އަދަބު ފަސްކޮށްދިނުމަށެވެ. ޔާމީންގެ ފަރާތުން ހުށަހެޅި ދެ ހުށަހެޅުމަށް ވަކިވަކި ދެ އަމުރެއް ހައި ކޯޓުގެ ވެބްސައިޓްގައި ދެންމެ އަޕްލޯޑްކޮށްފައިވެ އެވެ.
އިސްތިއުނާފުގެ މައްސަލައާ ހަވާލުވެ ތިބި ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެއް އަމުރުގައި ވަނީ، ހައި ކޯޓުގައި ކުރިއަށްދާ އެ މައްސަލަ ނިމެންދެން ޖޫރިމަނާގެ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާނަމަ އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށެވެ.
އެ ނޫން ގޮތަކުން ވެސް އެ ޖޫރިމަނާގެ ފައިސާ ހޯދުމަށް ޓަކައި މޯލްޑިވްސް ރެވެނިއު އޮތޯރިޓީ (މީރާ) ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އެއްވެސް މަސައްކަތެއް މި ވަގުތު ނުކުރުމަށް ވެސް ހައި ކޯޓުން ނެރުނު އަމުރުގައިވެ އެވެ.

އެ ނޫން ގޮތަކުން ވެސް އެ ޖޫރިމަނާގެ ފައިސާ ހޯދުމަށް ޓަކައި މޯލްޑިވްސް ރެވެނިއު އޮތޯރިޓީ (މީރާ) ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އެއްވެސް މަސައްކަތެއް މި ވަގުތު ނުކުރުމަށް ވެސް ހައި ކޯޓުން ނެރުނު އަމުރުގައިވެ އެވެ.
ޖޫރިމަނާގެ އަދަބު ފަސްކޮށްދިނުމަށް އަމުރު ނެރެދިން ނަމަވެސް ޖަލު ހުކުމުގެ އަދަބު ފަސްނުކުރެވޭނެ ކަމަށް ކަނޑައަޅައި ވަކި އަމުރެއް ނެރެފައިވެ އެވެ.
ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމަށް ހައި ކޯޓުުން އަމުރެއް ނެރެފައި މިވަނީ، ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.
ޔާމީނަކީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރެވެ. އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުކަން އެންމެ ފުރަތަމަ އެރުވީ ވެސް ޔާމީނަށެވެ. ނަމަވެސް 11 އަހަރުގެ ޖަލު ހުކުމް ތުމުން އެމަނިކުފާނަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
ޔާމީނަށް ވާދަނުކުރެވޭނެ ހާލަތަކަށް ބެކްއަޕް ކެންޑިޑޭޓަކަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާދަކުރުމަށް ޕީއެންސީން ނިންމި އެވެ. އިންތިހާބު ބޮއިކޮޓް ކުރުމަށް ޔާމީން ލަފާދިން ނަމަވެސް، ޕީޕީއެމްގެ ސެނެޓުން ނިންމީ އިންތިހާބުގައި ބައިވެރިވުމަށެވެ.
މުއިއްޒު މިހާރު ގެންދަވަނީ އޭނާގެ ރިޔާސީ ކެމްޕެއިން ކުރައްވަމުންނެވެ. މުއިއްޒު، އޭނާގެ ރަނިން މޭޓު އަދި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއެކު މި ވަގުތު ތިއްބެވީ ހދ. އަތޮޅުގަ އެވެ.












