ބޮޑެތި އާގު ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފެށުމުގެ ގޮތުން އެސްޓީއޯއިން ބަންކަރިން ޕްރޮޖެކްޓު ކުރިޔަށް ގެންދަން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިންއާ އެކީ މިރޭ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މި މަޝްރޫއު ހިންގަނީ ސަރުކާރުން އިހަވަންދިއްޕޮޅުގައި ރާވާފައިވާ ޕޯޓް ސިޓީ ޑިވަލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުންނެވެ. އިހަވަންދިއްޕޮޅަކީ ގުދުރަތީ ގޮތުން ރާއްޖޭގެ އެންމެ އިތުރުގައި އޮތް އަތޮޅެވެ. ގުދުރަތީ އެ އަތޮޅުގައި ހިމެނެނީ ތުރާކުނު، އުލިގަމު، ހޯރަފުށި، އިހަވަންދޫ އަދި މޮޅަދޫ އެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އާބަކޮންއާ އެކީ ސޮއިކުރި އެމްއޯޔޫގެ ދަށުން މި ޕޯޓް ސިޓީގައި ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވްއެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހެދުމާއި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރުން ހިމެނެ އެވެ.
ބަންކަރިން ޕްރޮޖެކްޓުގެ މުހިންމުކަން ފާހަގަކުރަމުން އެސްޓީއޯއިން ބުނީ ރާއްޖޭގެ އެންމެ އުތުރުން އޮންނަ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައި ކަމަށެވެ. މި ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރެއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ މި ސަރަހައްދުގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެސްޓީއޯއަށް ހޯދައިދިނުމެވެ. މީގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.

ބަންކަރިން ހިދުމަތް ފެށުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ވަނީ ތައްޔާރު ކުރެވިފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.
ބަންކަރިން ޕްރޮޖެކްޓު ހަވާލުކުރި ގަތަރުގެ އާބަކޮންއަކީ އިމާރާތްކުރުމުގެ ދާއިރާގައި މެދުއިރުމަތީގެ އެންމެ ފުއްނާބު އުސް އެއް ކުންފުންޏެވެ. މި ކުންފުނިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ މަތީފަންތީގެ އެއް ރިސޯޓު، ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓު، ޑިޒައިން އެންޑް ބިލްޑު އުސޫލުން ތަރައްގީކުރި ކުންފުންޏެވެ.












