ސޯޝަލް މީޑިއާގައި އަސްލު މީހުންނަށް ވެގެން ފޮރެކްސް ޓްރޭޑް ކުރާ ކަމަށް ބުނާ ސްކޭމަރުން ގިނަވާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ފޭކް އައިޑީ ހަދައިގެން "ފޮރެކްސް އެކްސްޕާޓުން" ކަމަށް ބުނެ ސްކޭމް ކުރާ މީހުން ގިނަވަމުން އަންނަ ކަމަށެވެ.
މިފަދަ ސްކޭމްތައް ހިންގަނީ އަސްލު މީހުންގެ އެކައުންޓުތަކުގައި ހުންނަ ފޮޓޯތައް ވަގަށް ނަގައިގެން އެ ބޭނުންކޮށްގެންނެވެ. ފުލުހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ސްކޭމް އެންމެ ބޮޑަށް ހިންގަނީ އިންސްޓަގްރަމް އާއި ފޭސްބުކްގަ އެވެ.
"ހުދާ ހީފަމް" ފަދަ ނަންތައް ބޭޭނުންކޮށްގެން މިފަދަ ސްކޭމަރުން މީހުންގެ އަތުން އިންވެސްޓްކުރުމަށް ކަމުގައި ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ދަނީ ހޯދަމުންނެވެ.
މި ސްކޭމްތަކަށް އިންވެސްޓު ކުރުމުން ބޮޑެތި ފައިދާތައް މާލީ ގޮތުން ލިބޭނެ ކަމަށް ބުނެ މީހުންނަށް އޮޅުވާލާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން, މި މީހުންނަކީ ފޮރެކްސް ޓްރޭޑް ކުރުމުގައި ވަރަށް ތަޖުރިބާހުރި ކުޅަދާނަ ބައެއް ކަމަށް ބުނާ ކަމަށާއި އިންވެސްޓްމެންޓުތައް މެނޭޖުކޮށް ގެއްލުން ނުވާނެ ގޮތަށް ފައިސާ ބަލަހައްޓާނެ ކަމުގެ ޔަގީންކަން އެ މީހުން ދޭ ކަމަށް ފުލުހުން ބުންޏެވެ.
އަސްލު ބައެއް ކަމުގައި ދެއްކުމަށް ފޭކް ސްކްރީންޝޮޓުތަކާއި ބޭންކް ސްލިޕުތައް ބޭނުން ކުރާ ކަމަށާއި އެއަށްފަހު ސްކޭމްވާ މީހާގެ އިތުބާރު ހޯދާ ކަމަށް ފުލުހުން ބުންްޏެވެ. އެއަށްފަހު އެމީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރަން އެދޭ ކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ އަތުން ފައިސާ ގެއްލިފައިވާކަން ފުލުހުން ހާމަކޮށްފައިވެ އެވެ.













