ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރިސޯޓުތަކުގައި 65 ވޯޓު ފޮށި އަދި ބޭރު ގައުމުތަކުގައި ފަސް ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ 65 ރިސޯޓްގެ އިތުރުން ފަސް ގައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް ބޭނުންވާ އަދަދަށް މީހުން ރީރަޖިސްޓަރީ ކޮށްފައިވާކަމަށެވެ.
ވޯޓު ފޮށި ބަހައްޓާ ގައުމުތައް
- އިންޑިޔާގެ ޓްރިވެންޑްރަމް
- ސްރީލަންކާގެ ކޮލަމްބޯ
- މެލޭޝިޔާގެ ކުއަލަލަމްޕޫރު
- އިނގިރޭސިވިލާތުގެ ލަންޑަން
- ޔުނައިޓެޑް އެރެބް އެމިރޭޓްސް އަބޫދާބީ
ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ރެޖިސްޓާ ވާން ހުށަހެޅި 40،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 35،849 މީހުން ރަޖިސްޓާކޮށްފައިވާ ކަމަށް އީސީއިން ބުނެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު، 9 ގަ އެވެ. ދެވަނަ ބުރަކަށް ގޮސްފި ނަމަ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު، 30 އެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ހަ ސަތޭކައަށް ވުރެ ގިނަ ވޯޓުފޮށި ބަހައްޓަން ޖެހޭނެ ކަމަށް އިލެކްޝަންސް އިން ލަފާ ކުރެ އެވެ.













