ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމީހެއްގެ ރަށް ނޫން އެހެން ތަނަކަށް ރެޖިސްޓާ ވާން ހުށަހެޅި 40،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 35،849 މީހުން ރަޖިސްޓާކޮށްފައިވާ ކަމަށް އިލެެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އީސީއިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް ރީރެޖިސްޓާވުމަށްޓަކައި އެ އިދާރާއަށް 42،867 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ހުށަހެޅި 22،882 އެޕްލިކޭޝަނާއި ފޯމު މެދުވެރިކޮސް ހުށަހެޅި 19،985 ފޯމު ހިމެނެ އެވެ.
މީގެ ތެރެއިން އީސީއިން ރެޖިސްޓާކޮށްދީފައިވަނީ 35،849 ފޯމެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 18،088 އެޕްލިކޭޝަން އަދި 17،761 ފޯމެވެ.
ފޯމުތައް ލިބުނު އަދަދު
- އަތޮޅުތައް: 8،022
- މާލެ ކައުންޓަރުތައް: 3،179
- މޯބައިލް ސްޓޭޝަންތައް: 404
- ޖަލުތައް: 1،443
- ސަރުކާރުގެ އޮފީސްތައް: 131
- ރިސޯޓުތައް: 1،612
- ބޭރު ގައުމުތަކުން: 588
- ސިޔާސީ ޕާޓީތަކުން: 4،606
ބަލައިގަތް ފޯމުތަކުގެ އަދަދު
- އަތޮޅުތައް: 6،913
- މާލެ ކައުންޓަރުތައް: 3،116
- މޯބައިލް ސްޓޭޝަންތައް: 403
- ޖަލުތައް: 1،442
- ސަރުކާރުގެ އޮފީސްތައް: 131
- ރިސޯޓުތައް: 1،475
- ބޭރު ގައުމުތަކުން: 270
- ސިޔާސީ ޕާޓީތަކުން: 4،010
އީސީއިން ވަނީ ޖުމުލަ 6،736 ފޯމު ރިޖެކްޓް ކޮށްފަ އެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ހުށަހެޅި 4،794 އެޕްލިކޭޝަން އަދި 1،942 ފޯމު ހިމެނެ އެވެ.
ރިޖެކްޓް ކުރި ފޯމުތަކުގެ އަދަދު
- އަތޮޅުތައް: 1،109
- މާލެ ކައުންޓަރުތައް: 63
- މޯބައިލް ސްޓޭޝަންތައް: 1
- ޖަލުތައް: 0
- ސަރުކާރުގެ އޮފީސްތައް: 0
- ރިސޯޓުތައް: 137
- ބޭރު ގައުމުތަކުން: 36
- ސިޔާސީ ޕާޓީތަކުން: 596
ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން އީސީއިން ވަނީ ނިންމާފަ އެވެ.

- ޓްރިވެންޑްރަމް، އިންޑިއާ
- ކޮލަމްބޯ، ސްރީލަންކާ
- ކުއަލަ ލަމްޕޫރް، މެލޭޝިއާ
- ލަންޑަން، އިނގިރޭސިވިލާތް
- އަބޫ ދާބީ، އެކުވެރި އަރަބި އިމާރާތް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު، 9 ގަ އެވެ. ދެވަނަ ބުރަކަށް ގޮސްފި ނަމަ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު، 30 އެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ހަ ސަތޭކައަށް ވުރެ ގިނަ ވޯޓުފޮށި ބަހައްޓަން ޖެހޭނެކަމަށް އިލެކްޝަންސްއިން ލަފާ ކުރެ އެވެ.












