ފޯރިގަދަ ހިނގާލުމަކާއެކު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްގެ ކެންޑިޑޭސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.
ޖޭޕީގެ ފަރާތުން ކެންޑިޑޭންސީ ފޯމު ހުށަހެޅީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ. އަރިހުގައި އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އަދި ރަނިން މޭޓް ޑރ. އަމީން އިބްރާހީމްގެ އިތުރުން ޖޭޕީގެ ލީޑާޝިޕްގެ އިސްވެރިން ވަނީ ދަރުބާރުގެއަށް ވަޑައިގަނެފަ އެވެ.
އީސީގެ ފަރާތުން، ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އެވެ.
ފޯމު ހުށަހެޅުމަށް ގާސިމް ދަރުބާރުގެއަށް ވަޑައިގަތީ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެކީގަ އެވެ. ފޯރިގަ ހިނގާލުމަކަށް ފަހުގަ އެވެ.

ގާސިމްގެ ފޯމު ހުށަހަޅަން ބޭއްވި ހިނގާލުން: އޭނާގެ ރަނިން މޭޓަކީ އަމީން އިބްރާހިމް -- ފޮޓޯ: މުހައްމަދު ޝަހުޒާން /އަދަދު

ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރަން ނިންމީ އެޕާޓީން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ކޮންގްރެސްގަ އެވެ. ކޮންގްރެސް އަށް ހުށަހެޅި ގަރާރަކުން އެގޮތަށް ނިންމުމުން އެޕާޓީގެ ކައުންސިލުގައި އެ ގަރާރާ މެދުގައި ވެސް މަޝްވަރާކޮށް ގޮތް ނިންމި އެވެ. ކައުންސިލުން އޭރު ވެސް ނިންމީ ގަރާރުގައި އޮތް ގޮތަށް ޖޭޕީ ވަކިން ވާދަކުރާށެވެ.
އެ ނިންމުމާ އެއްގޮތަށް ޖޭޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއަކަށް ވެސް ހުޅުވައިލި އެވެ. ގާސިމަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީގައި ވާދަކުރައްވާނެ އެހެން ބޭފުޅަކު ނެތުމުންނެވެ.
ގާސިމްގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޑރ. މުހައްމަދު މުއިއްޒެވެ.
އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އިންތިހާބުގައި ވާދަ ކުރައްވަ އެވެ.












