އުދައިގެ ސަބަބުން މިއަދު 15:00 ގެ ފަހުން ޒަރޫރީ ބޭނުންތަކަށް މެނުވީ ބްރިޖުން ދަތުރު ނުކުރުމަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދު 15:00 ގެ ފަހުން މާލެ ސަރަހައްދައް ދިއަވަރު ބޮޑުވުމާއިއެކު އުދައަރައިފާނެ ކަމުގެ ބިރު އޮތްކަމަށެވެ. މިގޮތުން ބްރިޖުގައި ދަތުރުކުރާއިރު ސަމާލުވުމަށާއި، ހަތަރު ފުރޮޅު ލީ އުޅަނދު ބޭނުންކުރުމަށް ފުލުހުން ވަނީ އަންގާފަ އެވެ.
އަދި ދިޔަވަރު ހިކެން ދެން ހުޅުމާލެ އަދި ހުޅުލެއަށް ދަތުރުކުރުމުގައި ފެރީގެ ހިދުމަތް ބޭނުން ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަދު ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރެވެނީ ހަވީރު 16:23 އިން ފެށިގެންކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. ދިޔަވަރު ހިކޭނެ ކަމަށް ލަފާކުރެވެނީ ރޭގަނޑު 10:55 ގަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އިއްޔެ އުދަ އަރާފައި ވަނީ ބޮޑު ދިޔަވަރު (ކިންގް ޓައިޑް)އާއި ރާއްޖޭގެ އޮޔާއި ވަޔާއެކު ރާޅުބާނި ހަ ފޫޓާއި އަށް ފޫޓާ ދެމެދަަށް އުފުލިގެން ކަމަށެވެ.

އިއްޔެ ސިނަމާލެ ބްރިޖު ހިމެނޭ ސަރަހައްދަށް އަދި މާލޭ ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުން ދިޔަ ވަގުތު އެސަރަހައްދުތަކުން ދުއްވި ސައިކަލުތައް ވެއްޓި ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެއެވެ. ފުލުހުން ވަނީ އުދަ އަރާ ވަގުތުތަކުގައި ސައިކަލު ދުއްވާއިރު ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.













