ސެެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުالله ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމުން, އެ އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގަވައި، ވަކީލުން މެދުވެރިކޮށް ޕީޕީއެމްގެ ލީޑާޝިޕަށް އެމަނިކުފާނު ނޯޓެއް ފޮނުއްވައިފި ކަމަށް ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
'އަދަދު' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުން ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަކީލުންގެ ފަރާތުން ވަނީ ޔާމީން ދެއްވި ނޯޓެއްކަމަށް ބުނެ ލީޑަރޝިޕަށް ނޯޓެއް ރައްދުކޮށްފަ އެވެ. އެ ނޯޓުގައި އޮތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ޔާމީނަށް ތާއީދުކުރައްވާ ފަރާތްތަކަށް ގޮވާލާފަ އެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ޔާމީންގެ ވަކީލުން މެދުވެރިކޮށް, ޕީޕީއެމްގެ ލީޑާޝިޕަށް އެންގުމުން, ލީޑާޝިޕުން ގެންދަނީ އެ ނޯޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންންވެ. އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގާ ޔާމީނުގެ ނޯޓެއް ލިބިފައިވާއިރު, ޕީޕީއެމުން ވަނީ މިއަދު 1:30 އަށް ސެނެޓު ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ.
އިންތިހާބު ބޮއިކޮޓް ކުރަން އެންމެ ބޮޑު އިދިކޮޅު ޕާޓީން ގޮވާލިއިރު ޔާމީންއަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމަށް ފުރުސަތެއް ދޭން އެ ޕާޓީން ސުޕްރީމް ކޯޓުގައި އެދުނެވެ. އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާގެ ނިޔަލަށް ހަމަވާއިރު، ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ނިކުންނެވުމަށް ޕީއެންސީގެ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ތައްޔާރަށެވެ.
ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން މިއަދު ސުޕްރީމް ކޯޓުން ނިންމީ، އެމަނިކުފާނަކީ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމުން ޝަރުތުހަމަނުވާ ކަމަށެވެ. އަދި އެމަނިކުފާނަށް ޑިސެމްބަރު 25، 2022 ގައި ކުރި ހުކުމުގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ކަނޑައަޅާފައިވީ ނަމަވެސް އެ ފައިސާ ނުދައްކާތީ، ސާބިތު ދަރަންޏެއް އޮތް ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.

ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަސް ނުވުމާއި އެމީހެއްގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ޝަތުރުތަކުގެ ތެރެއިން ދެ ޝަރުތެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އިންތިހާބުގައި ވާދަ ކުރައްވަ އެވެ.













