ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމީހެއްގެ ރަށް ނޫން އެހެން ތަނަކަށް އޮންލައިންކޮށް ރެޖިސްޓާ ވުމަށް އިލެެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލި ފުރުސަތު މިރޭ 10:00 އަށް އިތުރުކޮށްފި އެވެ.
މިއަދު ހަވީރު 16:00 ގައި ހަމަވާން އޮތް މުއްދަތު އިތުރުކުރިކަން އީސީން ވަނީ ހާމަކޮށްފަ އެވެ. ކުރީގެ އިންތިހާބުތަކުގައި މާލޭގައި ވޯޓުލާފައިވާނަމަ އަލުން ރަޖިސްޓްރީކުރަން ނުޖެހޭނެ އެވެ.
ރީރެޖިސްޓްރޭޝަނަށް ލިބެމުންދާ ތަރުހީބު ކުޑަ ކަމަށް ބުނެ އީސީން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ. ސިޔާސީ ޕާޓީތަކުންނާއި ވާދަކުރާ ކެންޑިޑޭޓުން ވެސް ގެންދަނީ އާންމުންގެ ރެޖިސްޓްރޭޝަން މަސައްކަތްތައް ކޮށްދެމުންނެވެ.
އެހެން ފަހަރުތަކާ ހިލާފަށް ރީ ރެޖިސްޓަރީވާ މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިފަހަރު އާންމު ކުރާނެ އެވެ. އެއީ ވީހާވެސް އިންސާފުވެރިކޮށް ދެފުށް ފެންނަ ގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.
ރިސޯޓުތަކާއި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދު ކަނޑައެޅޭނީ ރީ ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުންނެވެ. މިހާތަނަށް ރެޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދަށް ބެލުމަށްފަހު ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސްއިން ވަނީ ނިންމައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު، 9 ގަ އެވެ. ދެވަނަ ބުރަކަށް ގޮސްފި ނަމަ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު، 30 އެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ހަ ސަތޭކައަށް ވުރެ ގިނަ ވޯޓުފޮށި ބަހައްޓަން ޖެހޭނެކަމަށް އިލެކްޝަންސްއިން ލަފާ ކުރެ އެވެ.













