ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން ޓްވިޓާގައި އީވާއަށް ބިރު ދެއްކި ކަމަށް ތުހުމަތުވާ ފަރާތް، ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކޮށްފި އެވެ.
ހައްޔަރު ކުރި މީހާގެ ނަމެއް ޕޮލިހުން ހާމައެއް ނުކުރެ އެވެ.
އެއީ ޖޫން 19، 2023 ގައި "ހަމައެސޮރު" ގެ ނަމުގައި ކޮށްފައިވާ ޓްވީޓެކެވެ. އެ ޓްވީޓަށް ރައްދެއްގެ ގޮތުގައި ޖުލައި 20، 2023 ގައި ވިދާޅުވެފައި ވަނީ ސިޔާސީ މީހެއްގެ ގޮތުން ދޭ އާދައިގެ "ހަމަލާތައް" މީގެ ކުރިން ދުވަހަކު މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި ނުވާނެ ކަމަށެވެ.
އެ ޓްވީޓަކީ ފުރައްސާރައެއް ކަމަށާއި، ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމަށް، ސީރިއަށް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި ދިނުމަށް އީވާ އެދިވަޑައިގެންފައިވެ އެވެ.
އީވާ ރޭ އަދަދު ނޫހަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ހަމައެކަނި ކޮށްލީ ޓްވީޓެއް ނޫން ކަމަށާއި، އެ މީހާ، އީވާ ދިރިއުޅުއްވާ ގެއަށާއި، އީވާގެ މަންމަ ދިރިއުޅުއްވާ ގެއަށް ފާރަލައި، އިންޒާރުގެ މެސެޖުތައް ފޮނުވާފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދުގެ ވަގުތެއްގައި ކޯޓަށް ގެންދާނެ އެވެ.











