ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ހަތަރު ގައުމަކުން އަދިވެސް ވޯޓު ފޮށި ބެހެއްޓޭނެ މިންވަރަށް މީހުން ރީ-ރަޖިސްޓްރީ ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހުޅުވާލާފައި އޮތް ނަމަވެސް، އެކަށީގެންވާ މިންވަރުގެ ތަރުހީބެއް ނުލިބޭތީ އިލެކްޝަން ކޮމިޝަނުން ވަނީ މިއަދުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފަ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދި ވެސް ތައިލެންޑު، އަބޫދާބީ، ޖަޕާނުގެ އިތުރުން ސިންގަޕޫރުން ވޯޓު ފޮށި ބެހެއްޓޭ މިންވަރަށް މީހުން ރީ-ރަޖިސްޓްރީވެފައި ނުވާ ކަމަށެވެ.
ވޯޓު ފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރު ވެފައިވަނީ މެލޭޝިޔާ އާއި އިނގިރޭސިވިލާތުގެ އިތުރުން، އިންޑިޔާގެ އިތުރުން ސްރީލަންކާގަ އެވެ.
އޮންލައިންކޮށް ފުރަތަމަ ފަހަރަށް ރީރަޖިސްޓާކުރާ ގޮތަށް ހަމަޖެހި އެ ފުރުސަތު ބުދަ ދުވަހާ ހަމައަށް އޮތް ނަމަވެސް، ހާޒިރުވެ ފޯމު ހުށަހަޅައިގެން ރީރަޖިސްޓާވުމުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށެވެ.

މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 9،000 އެއްހާ މީހުން ރީޖިރަސްޓްރީވެފައިވެ އެވެ. މިއީ ކުރީ އިންތިހާބުތަކާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތައް އަދި ސިނާއީ ރައްތައް ހިމަނައިގެން ޖުމްލަ 600 ވޯޓު ފޮށި މިއަހަރު ބެހެއްޓުމަށް ނިންމާފައި ވެއެވެ. މި ރިޔާސީ އިންތިހާބުގައި 280،000 އެއްހާ މީހުން ވޯޓުުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެފައިވެ އެވެ.













